އުތީމު އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފެނަކަ ކުންފުނިން ފޯރުކޮށްދެނީ އިހްލާސްތެރި ހިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފެނަކައިން ބުރަ އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ފެނަކައިން ފޯރުކޮށްދެނީ އިހްލާސްތެރި ހިދުމަތްތަކެއް ކަމަށާއި ރައްޔިތުންނާއި ސަރުކާރުގެ ފުރިހަމަ އިތުބާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށާއި  މުވައްޒަފުންނަށް އޮންނަކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެނަކައިން ކަންކަން ކުރުމުގައި ބަލަނީ އެންމެ ރަނގަޅު ގޮތް ހޯދައި އެގޮތަކަށް އެކަން ކުރުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތާއި ސަރުކާރަށް އެންމެ ލާބަހުރި ގޮތް ފެނަކައިން ބަލާ ކަމުގައި ވިދާޅުވިއެވެ.

"ރަށުގައި ހުންނަ ކޮންމެވެސް ފުދުންތެރި މީހަކު އަމިއްލަ ބޭނުމަށް، އަމިއްލައަށާއި ގާތް ތިމާގެ މީހުންނަށް ކަރަންޓު ދޭން ފަށަނީ. ނޫނީ ރަށުގެ ކޮންމެވެސް ކޮމެޓީއެއް ނުވަތަ ޖަމިއްޔާއަކުން ލާރިކޮޅެއް އެއްކޮށްގެން އެކަން ކުރަނީ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާތަނަށް އައިއިރު އެކަން ކުރަމުންދާ ގޮތް."

އެހެންނަމަވެސް ރާއްޖެ ތަރައްގީވަމުން އައިއިރު އެކަން ބަދަލުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާނޫނު އަސާސީގައި ފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަން އަދި ކަރަންޓުގެ ހިދުމަތްތަކަކީ އަސާސީ ހިދުމަތްތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާކަން ވަނީ ފާހަގަކުރައްވާއެވެ. ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެކަން ކޮށްދޭންޖެހޭނެކަމަށް ގާނޫނު އަސާސީގައި ކަނޑައަޅައި އަސާސީ ހިދުމަތްތަކަކީ އެންމެ އިސްކަންދޭ ކަންތައްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މެނިފެސްޓޯ އާއި ވައުދު ފުއްދުމަށްވުރެ ހަމަހަމަކަމާއެކު ހައްގުތައް ފޯރުކޮށްދިނުމަށް މާބޮޑު އިސްކަމެއްދެއްވާކަމަށެވެ. އެއާއެކުވެސް ވައުދުތައް ފުއްދައި މެނިފެސްޓޯ ތަންފީޒުކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *