ހދ.ނައިވާދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމައި، އެ ޚިދުމަތް ފައްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ކުޑަ ތަފްސީލެއް ހިސާބު އަދަދުތަކުން ވިދާޅުވެދެއްވާފައެވެ.

ހދ. ނައިވާދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ މިވަގުތުވެސް 18.44 ބިލިއަން ރުފިޔާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ކުރިއަށްގެންދަމުންނެވެ.

ރަށްރަށުގެ ބަނދަރު ހެދުމަށް 3.6 ބިލިއަން ރުފިޔާ

މިވަގުތު ސަރުކާރުން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ރަށްރަށުގައި ބަނދަރު ހެދުމުގެ 44 މަޝްރޫއެއް މި ސަރުކާރުން ފަށާ ނިންމާފައިވާކަމަށާއި، އަދި ބަނދަރު ހެދުމުގެ 37 މަޝްރޫއެއް މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ.

މަގުހެދުމުގެ މަސައްކަތްތަކަށް 3.7 ބިލިއަން ރުފިޔާ

މަގުހެދުމުގެ މަޝްރޫޢު ތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް ފަސް ރަށެއްގެ މަގުހެދުމުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. 21 ރަށެއްގެ މަގުހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކަށް 4.8 ބިލިއަން ރުފިޔާ

ރާއްޖޭގެ ބައެއް ރަށް ތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރުވެސް 7 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާ ކަމަށާއި، 7 ރަށެއްގެ ބިން ހިއްކާ މިހާރު ނިންމާފައިވާނެ ކަމަށެވެ.

އެއަރޕޯޓްގެ މަސައްކަތަށް 840 މިލިއަން ރުފިޔާ

ވައިގެ ދަތުރުފަތުރާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް ދަތުރުފަތުރު ނިޒާމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން އެއް އެއަރޕޯޓްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ތިން އެއަރޕޯޓެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

ފެނާއި ނަރުދާމާގެ މަސައްކަތަށް 5.8 ބިލިއަން ރުފިޔާ

މި ސަރުކާރުން އެންމެ އިސްކަންދޭ އަދި އެންމެ ބޮޑު ހަރަދެއް ކުރާ ފެނާއި ނަރުދަމާގެ ގިނަ މަސައްކަތްތަކެއް ނިންމާފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ. އެގޮތުން 130 ރަށެއްގެ ފެނާއި ނަރުދާމާގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާ ކަމަށާއި، 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް ފަށާނެ ކަމުގެ އިޝާރާތެއް މިނިސްޓަރ އަސްލަމް ވަނީ ދެއްވާފައެވެ. އެގޮތުން ގިނަ މަޝްރޫއުތަކެއް ޓެންޑަރ މަރުޙަލާގައި ވާކަން ސަރުކާރުގެ އެންމެ ގިނަ ޕްރޮޖެކްޓްސް ހިންގަވާ ވުޒާރާ ކަމަށްވާ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްރަކްޗަރގެ މިނިސްޓަރު ކަމުގައި ހުންނެވި އަސްލަމް ފާހަގަކުރެއްވިއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *