ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނިން މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަމަލީ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގައެވެ. މިއީ 21،335،698.08 ރުފިޔާގެ މަޝްރޫއެކެވެ.
ފެނުގެ ނިޒާމް ގާއިމްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ ވިއުގައެއް ވަނީ ގާއިމްކޮށްފައެވެ. އަދި 7.2 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމުގެ ވިއުގައެއްވެސް ވަނީ ގާއިމްކޮށްފައެވެ.
މީގެ އިތުރުން ދުވާލަކު 25 ޓަނުގެ ފެން އުފައްދާ ދެ އާރް.އޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. އަދި ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާންގިއާއި ވާރޭފެން ރައްކާ ކުރުމަށް 110 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފައެވެ. މިމަޝްރޫއުގެ ދަށުން 179 ގެއަށް ފެނުގެ ކަނެކްޝަނާއި 180 ގެއަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.