މިހާރު ތަރައްގީ ކުރަމުންދާ ސަރަހައްދީ ބަނދަރުތަކުގެ މަސައްކަތް ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މާލޭގެ އިތުރުން، ކުޅުދުއްފުށްޓާއި ހިތަދޫގައިވެސް އެމް.ޕީ.އެލް.ގެ ފަރާތުން ހިންގާ ދެ ވިޔަފާރި ބަނދަރު އެބައޮތްކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ދެ ބަނދަރުތައް ތަރައްޤީ ކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢު ނިމި، ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމަށެވެ.

ގދ. ތިނަދޫގައިވެސް ސަރަޙައްދީ ބަނދަރެއް ސަރުކާރުން ތަރައްޤީކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއަށް ގެންނަންޖެހޭ ބައެއް ބަދަލުތަކާއެކު، މިހާރު ފުރިހަމަކުރަންޖެހޭ ކަންތައް ނިމުނުހާ އަވަހަކަށް، އެ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރެވޭނީ، މާލެއިން ބޭރަށް، އަދި ޖާގަ ބޮޑު ތަނަކަށް ބަނދަރު ބަދަލުކޮށްގެން. އަޅުގަނޑުމެން ގުޅީފަޅު ޚިޔާރުކުރީ އެ ސަބަބަށްޓަކައި. ގުޅީފަޅުގެ ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި މިހާރު އެއޮތީ ހިކިފައި. އިތުރަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ފެށިގެންދާނެ."

މާލެއިން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅީފަޅަށް ބަދަލުކުރެވޭނެ ކަމަށާ ސަރުކާރުން ގުޅީފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭގެ އުތުރު ބަނދަރާއި، މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބޭގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތަކެއް، އެމް.ޕީ.އެލް. އިން ދޭން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ހިލަޔާއި ހިލަވެލި ގެނެސް ބޭލުމަކީ މިހާތަނަށް، މާލޭގެ ވިޔަފާރި ބަނދަރުން ދިން ޚިދުމަތެއް ނޫންކަމަށާ ތިލަފުށީގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ބަލްކް ޓަރމިނަލް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދުތެރޭގައި ނިމުމުން، ހިލަޔާއި ހިލަވެލި އެތެރެކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށްވެސް އަދި ޢާންމުންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައުމުން ނުކުންނަ އެހެން ފައިދާތަކެއްވެސް އެބަހުރި. އެއް ކަމަކީ، މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވުން. އަނެއް ކަމަކީ، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވުން."

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *