ޕީޕީއެމްއިން ރައީސް ޔާމީނާއި ރިޔާސީ ޓިކެޓް ހަވާލުކުރަނީ/ ފޮޓޯ: މިހާރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އޮތީ ރައީސް އަބްދުﷲ ޔާމީނާއެކު ބަދަހިކޮށް ކަމަށް އެޕާޓީން ބުނެފިއެވެ.

"ފައްޔާޒުގެ ލޯނާއި ގާސިމް އަތުން ފައިސާ ނެގިކަން ފަޅާއަރައި، ޔާމީނަށް ގައްދާރުވުމުން އަދުރޭ އެހެލައިފި!”މިސުރުހީގެ ދަށުން އޮންލައިން ނޫހެއްގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ޝާއިއުކޮށްފައިވާކަމަށް ބުނެ ޕާޓީން އާންމުކުރި ބަޔާނުގައި ވަނީ ހަގީގަތެއް ނެތް ބޭކާރު ވާހަކަތަކުން ޕާޓީ ބަލިކޮށްލެވިދާނެކަމަށް ގަބޫލުކުރާނަމަ އެއީ ކުށްހީއެއް ކަމަށެވެ. އަދި މިވަގުތުވެސް އަބްދުއްރަހީމް ހުންނެވީ ރައީސް ޔާމީންގެ ޚާއްސަ މަސައްކަތްޕުޅެއްގައި ލ އަތޮޅުގައިކަމަށް ބަޔާނުގައިވެއެވެ.

ޕާޓީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުންކަމަށް ބަޔާނުގައިވެއެވެ. އަދި ހަގީގަތެއް ނެތް ވާހަކަ ދައްކައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ ނޫސްވެރިންނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް ވަނީ ގޮވާލައްވާފައެވެ.

ޕީޕީއެމްގެ އެތެރޭގެ ކޯޅުމުގެ ވާހަކަތައް މާ ބޮޑަށް ތިލަވެފައި ނުވިނަމަވެސް، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައިވެސް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ދެމެދު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި އަދި ފައިސާގެ އެހެނިހެން ކަންކަމާއި ގުޅުވައި ދެބޭފުޅުންނަށް ބަހުގެ ހަމަލާތައް ރައްދުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ގާތް ބޭފުޅެއް ކަމުގައިވާ އަހުމަދު މުސްތޮފާ ކުރެއްވި ޓުވީޓެއްގައި ޕާޓީއަށް ބާޒުތަކާއި ހިޔަޅުތައް އަންނަމުންދާކަމަށް ދޭހަވާފަދަ ގޮތަކަށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޖަންގަލީގެ ރަސްގެފާނު، ސިންގާ ހިފާ ހައްޔަރު ކުރެވޭތޯ މަތިންދާ މިނިކާ ބާޒުތަކާއި ތިރިން ދާހިޔަޅުތައް ކުރިކާލީކަނޑާލަ ކަނޑާލަ ތިބޭކަމަށް ލިޔުއްވާފައިވެއެވެ. އަދި ސިންގާގެ މައްޗަށް ޖެހިގަނެ، ވެރިވެގަނެވޭތޯ ބަލަމުންދާކަމަށްވެސް ޓުވީޓުގައިވެއެވެ. މަނީ ލޯންޑަރިންގެ ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށްގެންދިޔައިރު 2019 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް ޕާޓީއަށް އަތުވެދާނެ ބާޒުތަކަކާއިމެދު ސަމާލުވުމަށް އެދިލައްވާފައެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާއިރު މިވަގުތުވެސް ރައީސް ޔާމީންގެ ޝަރީއަތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ރައީސް ޔާމީންގެ ބަދަލުގައި ޕީޕީއެމްގް ރިޔާސީ ކެންޑިޑޭޓުގައި ރިޔާސީ އިންތިހާބަށް ނުކުންނަން ބޭނުންވާ މެމްބަރުން ތިއްބަވާކަމަށް ޕާޓީގެ އާންމު މެމްބަރުންވެސް ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.