އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ، އަބްދުއްރަހީމް ރާފިއުއަށް އިއްވާފައިވާ އެއް އަހަރުގެ ޖަލު ހުކުމް ކުޑަކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެދުމުން، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގައި މަސައްކަތްކުރާ ރާއިފުގެ މައްޗަށް އުފުލާފައިވާ އެއް ޖިންސުން ގުޅުންހިންގިކަމުގެ ދައުވާތައް ސާބިތުވެ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އިއްޔެއެވެ. މިއީ ބަންގްލަދޭޝަށް ނިސްބަތްވާ އަލަމްގީރްގެ އެއް ޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅުންހުރި މައްސަލައެއްގައި އިއްވި އެންމެ ބޮޑު ހުކުމެވެ. އަލަމްގީރަށް 7 މަހުގެ ޖަލު ހުކުމެއް އިިއްވިއިރު ގާނޫނީ ވަކީލު އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރަށް އިއްވާފައިވާ ހުކުމުގައިވަނީ 4 މަހަށް ގޭބަންދުކުރުމަށެވެ.

ރާފިއުއަށް އިއްވި ހުކުމާއެކު ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފު ކުރަން ނިންމީ އަދަބުގެ މިންވަރު ބޮޑުވުމުން ކަމަށް ބުނެފައެވެ. ދައުލަތުން އެދުނީ ގާނޫނުލްއުގޫބާތުގެ ދަށުން ހަތް މަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވާފައިވަނީ ދެ ދަރަޖަ މަތިކޮށެވެ.

ކްރިމިނަލް ކޯޓުން އެ ފުލުސް މީހާގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބޭ އިހުތިޔާރު ބޭނުންކޮށްގެންނެވެ. އެއީ އަދަބުގެ މިންވަރު ބޮޑުކުރުމަށް އޮންނަ އިހުތިޔާރެވެ.

ޕީޖީ ހުސެއިން ޝަމީމަށް ބޮޑެތި ފާޑުކިޔުންތަކެއް ގިނަ ބަޔަކު އަމާޒުކޮށްފައިވާއިރު ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުވެސް ވަނީ ޕީޖީގެ މިނިންމުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް އަންނަނީ ޕީޖީ ޝަމީމަށް އަމާޒުކޮށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވަނީ ޝަމީމަކީ މިހާރު އެމަގާމުގައި ބެހެއްޓުމަށް އެކަށީގެންވާ މީހެއްނޫންކަމަށް ބުނެފައެވެ. އަދި އެމަގާމުގައި ހުންނަވާ އެތަކެއް ޖަރީމާތަކެއް ހިންގަމުންދާކަން ދޭހަވާފަދަ ގޮތަކަށް ވަނީ ޓުވީޓުކުރައްވާފައެވެ. އަލީ ޒައިދަކީ މިވެރިކަން ގެނައުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ވާހަކަދެއްކެވި އިލްމުވެރިއެކެވެ.

ޝެއިޚް ޒައިދުގެ ޓުވީޓު

މީގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގުން ފަދަ ބޮޑެތި ފާފަތަކުގެ ކުށް ސާބިތުވާ މީހުންނަށްވުރެ ބައެއް އެހެނިހެން ކަންކަމުގައި ހައްޔަރުކުރާ މީހުންނާއިމެދު މާ ހަރުކަށި ގޮތްތައް ޕީޖީއިންނާއި ކޯޓުތަކުން އަދި ފުލުހުން ގެންގުޅެމުންދާތީވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމާއި ހަށި ވިއްކުންފަދަ ބޮޑެތި ކުށްތައް އާންމުވެފައިވާ ދަނޑިވަޅެއްގައި މިއަދުގެ ހުކުރު ހުތުބާގައި ކަނޑާއި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެބުމުގެ މައްޗަށް އަލިއަޅުވާލާފައިވާތީ އެކަމަށްވެސް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އެއް ބާވަތެއްގެ ކުށްތަކުގައި ދައުވާކުރާ މީހުންނާއިމެދު އަދަބު ކަނޑައެޅުމާއި ދައުވާކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއެވެ. ޚާއްސަކޮށް، އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ގޭ ބަންދުކުރުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.