ފްރާންސްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް)އިން އެގައުމުގައި ރޯޑް ޝޯއެއް ބާއްވައި، ފެއާއެއްގައި ބައިވެރިވެއްޖެއެވެ.
އެމްއެމްޕީއާރްސީން ބައިވެރިވެފައިވާ ދެ ހަރަކާތަކީ އިންޓަނޭޝަނަލް އެންޑް ފްރެންޗް މާކެޓް (އައިއެފްޓީއެމް) ޓޮޕް ރީސާ 2022 އަދި 'ކަނެކްޓް ވިތް މޯލްޑިވްސް ޔޯރ ސޭފް ހޭވަން މޯލްޑިވްސް ރޯޑްޝޯ'އެވެ.
މި ދެ ހަރަކާތުގެ ތެރެއިން ފަރަންސޭސިވިލާތުގެ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ބާއްވާ ރޯޑްޝޯ އޮންނާނީ ޕެރިސްގެ ލެ 28 ޖޯޖްދަފިފްތްގައި އިންޑަސްޓްރީގެ 13 ކުންފުންޏެއްގެ ބައިވެރިވުމާއެކުއެވެ. މި ރޯޑްޝޯގެ ބޭނުމަކީ ރާއްޖޭގެ މުހިއްމު އެއް ސޯސް މާކެޓެއްގެ ގޮތުގައި ފަރަންސޭސިވިލާތް އަލުން ޤާއިމުކޮށް، ޓްރެވަލް އޭޖެންޓުންނާއި އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ބައިވެރިންނާ ދެމެދު ވިޔަފާރީގެ ފަހި ގުޅުންތައް ބަދަހިކޮށް، ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ފަރަންސޭސިވިލާތުގެ އެފްލުއަންޓް އޯޑިއަންސްތަކުގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމެވެ.
މީގެ އިތުރުން 2022 ސެޕްޓެމްބަރ 20އިން 22އަށް ޕެރިސްގެ ޕޯޓްޑިވާރސައިގައި ކުރިއަށްގެންދިޔަ އައިއެފްޓީއެމް ޓޮޕް ރީސާ 2022 ގައި އެމްއެމްޕީއާރުސީއާއެކު 27 އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ. އައިއެފްޓީއެމް ޓޮޕް ރީސާ 2022 އަކީ ފަތުރުވެރިކަމާއި ދަތުރުފަތުރަށް ހާއްސަކޮށްގެން ފަރަންސޭސިވިލާތުގައި ބާއްވާ މަލްޓި ޕާޕަސް ޓްރޭޑް ޝޯއެކެވެ. މިގޮތުން މި ޝޯއަކީ މައިސް، ލެޝާރ، ބިޒްނަސް އަދި ގްރޫޕް ޓްރެވަލް ފަދަ ސެގްމެންޓުތަކާ ގުޅުން ހުރި ފަތުރުވެރިންނަށް ހިދުމަތްތައް ފޯރުކޮށްދޭ އަދި ވިއްކާ ގިނަ ފަރާތްތައް ބައިވެރިވާ ހަރަކާތެކެވެ. ހިދުމަތްދޭ މަންޒިލްތަކާއި ވިޔަފާރިތަކަށް ހާއްސަ މި އިވެންޓު މެދުވެރިކޮށް ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޓްރެވަލް ބަޔަރުންނާއި، އިންފްލުއެންސަރުންނާއި، މާކެޓް ޕްރޮފެޝަނަލުން އަދި ވިޔަފާރިތަކަށް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު މި ފެއަރއިން ލިބިގެންދާނެއެވެ.
އެމްއެމްޕީއާރުސީއިން މި ހަރަކާތްތައް ހިންގަމުން މި ދަނީ ފަރަންސޭސިވިލާތުގެ މާކެޓަށް ކަނޑައަޅާފައިވާ މާކެޓިންގ ސްޓްރެޓެޖީގެ ދަށުންނެވެ. މިފަދަ ހަރަކާތްތަކުގެ ތެރެއިން އެމްއެމްޕީއާރްސީގެ އަމާޒަކީ ރާއްޖެއަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި އެންމެ މަޤުބޫލު އެއް މަންޒިލްގެ ގޮތުގައި ގާއިމްކޮށް، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން މި މާކެޓުން އަންނަމުންދިޔަ ފަތުރުވެރިންނާއި އެއްވަރަށް މިހާރު މި މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓުކޮށް، ރާއްޖެއިން ހިދުމަތްދޭ އެކި ސެގްމަންޓުތައް ކަމަށްވާ ހަނީމޫން، ރޮމާންޓިކް، ފެމިލީ، އެޑްވެންޗަރ، ޑައިވް އަދި އަންޑާވޯޓާ ސެގްމެންޓުތައް ވެސް އިޝްތިހާރުކުރާނެއެވެ. މީއަދި ރާއްޖެއަކީ ޖަޒީރާ ގައުމެއްކަމުން ފަތުރުވެރިންނަށް ލިބޭ އެކަހެރިކަމާއި، މަންޒިލުން ފަތުރުވެރިންނަށް ލިބޭ ލަގްޒަރީ ފަދަ ތަފާތު ތަޖުރިބާތައް ފަރަންސޭސިވިލާތުގެ މާކެޓުގައި އިޝްތިހާރުކުރުންވެސް ހިމެނެއެވެ. މިފަދަ އިވެންޓްތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެން އިންޑަސްޓްރީގެ ބައިވެރިންނަށް އެބޭފުޅުންގެ ޕްރޮޕަޓީތަކާއި، އުފެއްދުންތަކާއި، ހިދުމަތްތައް ޕްރޮމޯޓް ކުރުމަށްވެސް ފުރުސަތު ލިބެއެވެ.
24 އޮގަސްޓް 2022 އާއި ހަމައަށް 34،120 އެރައިވަލްސްއާއެކު ފަރަންސޭސިވިލާތަކީ ރާއްޖޭއަށް 7 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން މި އަހަރު އައިސްފައިވާ މާކެޓެވެ. މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1,056,851 ފަތުރުވެރިންގެ %3.2 މާކެޓް ޝެއާރއެވެ. މި މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ދަނީ އެކި މާކެޓިން ކެމްޕޭންތަކާއި ސޯޝަލް މީޑިއާ ކެމްޕައިންތަކާއި ޑިޖިޓަލް މީޑިއާ އިޝްތިހާރު ކެމްޕޭންތައް ކުރިއަށްގެންދިޔުމުގެ އިތުރުން ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ.