އެމްޕީއެލްގެ މުވައްޒަފުންތަކެއް -- ފޮޓޯ: ރާއްޖެ.އެމްވީ

މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 48 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 4.8 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 36 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޮގަސްޓް މަހު 288 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 391 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޯއެވެ. އޮމާންއިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 722 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން ޗައިނާއިން 510 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީން 466 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯއިން 402 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް އޮގަސްޓުމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެއިން 247 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ އޮގަސްޓުމަހު އެކްސްޕޯޓުކޮށްފައި ވަނީ 115 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 53 އިންސައްތަ ދަށް އަދަދެކެވެ.

މިިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަނުވިލާތް، މޮރީޝަސް، އިނގިރޭސިވިލާތް އަދި ބަނގްލަދޭޝްގެ އިތުރުން އިންޑިއާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 24 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އަދި 20 އިންސައްތަ މުދާ މޮރިޝަސްއަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 17 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.