މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ

ޤާނޫނު އިސްލާހުކޮށް ގްރީން ޓެކްސް އަލުން ނަގަން ފެށުމާއިއެކު، ޓެކްސް ނުނެގި ދިޔަ މުއްދަތުގެ ފައިސާ އަނބުރާ ދީފައި ނުވާނަމަ އެފައިސާ ޓެކްސް ބަޔާނުގައި ހިމަނައިގެން ދެއްކުމަށް މީރާއިން ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަންގައިފިއެވެ.

ގްރީން ޓެކްސް އަލުން ނަގަން ފެށުމާ ގުޅޭގޮތުން މީރާއިން ނެރުނު ނޫސް ބަޔާނުގައި ބުނީ ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ގްރީން ޓެކްސްގެ ޤަވާއިދަށްވެސް މިހާރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގައި ވާގޮތުން، ގްރީން ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް 21 ސެޕްޓެމްބަރު 2022ގައި ރިސޯޓެއްގައި ނުވަތަ ހޮޓަލެއްގައި ނުވަތަ ގެސްޓްހައުސްއެއްގައި ނުވަތަ ސަފާރީ އުޅަނދެއްގައި ހުރި މީހަކު އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނި، 21 ސެޕްޓެމްބަރު 2022ގެ 00:00 ކަމަށެވެ. އަދި، 21 ސެޕްޓެންބަރު 2022 ފެށިގެން ގެސްޓް ރެޖިސްޓްރޭޝަންގައި ބޭނުން ކުރަންވާނީ 21 ސެޕްޓެންބަރު 2022 ފެށުމާ ހަމައަށް ބޭނުންކުރަމުން އައި ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް އެ ތަރުތީބުން ކަމުގައި މީރާއިން ވިދާޅުވެއެވެ.

ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން މިއަހަރުގެ ޖުލައި މަހުގެ 3 އިން ފެށިގެން ގްރީން ޓެކްސް ނެގުން ހުއްޓިގެން ދިޔައެވެ. އޭރު ޤާނޫނުގައި އޮތީ ގްރީން ޓެކްސް ނަގަން ފަށާ މުއްދަތުގެ ގޮތުގައި 1 ޖަނަވަރީ 2023އެވެ. ނަމަވެސް މި ޤާނޫނު އަލުން އިސްލާހުކޮށް ރައީސުލް ޖުމުހޫއްރީއްޔާ ތަސްދީޤް ކުރެއްވުމާއެކު އަލުން ގްރީން ޓެކްސް ނަގަން މިވަނީ ފަށާފައެވެ.

މިއާއެކު ދައުލަތަށް ގްރީން ޓެކްސް ފައިސާ ދެއްކުމުގައި މިމުއްދަތުގައި ފަތުރުވެރިޔާ އަތުން ގްރީން ޓެކްސް ފައިސާ ނަގައި އަނބުރާ ނުދޭނަމަ އެ ފައިސާ ދައުލަތަށް ދައްކަން މީރާއިން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.