މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ

މިފްކޯއިން ދެމުން އައި އައިސްޕްލާންޓްތަކުގެ ހިދުމަށް މާ ރަނގަޅަށް ފެނަކައަށް ދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް  މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ފައުޒީ ވިދާޅުވީ މިއަދު ފެނަކަ އާއި ހަވާލުކުރި އައިސް ޕްލާންޓްތަކުގެ ހިދުމަތް  މިހާރަށްވުރެ ރަނގަޅު ފެންވަރުގައި ދެވޭނެ އިންތިޒާމެއް ފެނަކައިން ގާއިމު ކުރާނެ ކަމަށެވެ.

14 އައިސްޕްލާންޓް ފެނަކައާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފައުޒީ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި  ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ވަރަށް ގިނަ ގޮންޖެހުންތަކެއް  މިފްކޯއަށް ދިމާވާ ކަމަށެވެ.

މިފްކޯގެ އޮފަރޭޝަނުގެ 70 އިންސައްތައަކީ ތެލަށް ބަރޯސާވެގެން ދޭ ހިދުމަތްތަކެއް ކަމަށާއި، އައިސް ޕްލާންޓްތައް ހިންގަނީވެސް ޖަނަރޭޓަރު ހިންގައިގެން ކަމަށް ފާހަގަ ކުރައްވާ ފައުޒީ ވިދާޅުވީ ފެނަކައިގެ އިންޖީނުގެތަކާއި ގުޅާލެވިއްޖެނަމަ މިހާރަށް ވުރެ ރަނގަޅަށް މަސްވެރިންނަށް އައިސްޕްލާންޓްގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ފެނަކަ އިންޖީނުގެއާ ގުޅާލެވިއްޖެ ކަމަށްވަންޏާއި އަޅުގަނޑަށް ހީވަނީ މަސްވެރިންނަށްވެސް މިއަށްވުރެ ރަނގަޅު ހިދުމަތެއް، ނުހުއްޓި ކޮންމެ ދުވަހަކު ގެންދެވޭނެ ކަމަށް. އެހެންވީމަ ފެނަކަ އެމްޑީގެ އިސްނެންގެވުމުގެ މަތިން 14 އައިސްޕްލާންޓް ފެނަކަ އާއި ހަވާލުކުރުމުން އަޅުގަނޑަށް ގަބޫލުކުރެވެނީ މިއަށްވުރެ މާރަނގަޅަށް އެކަން ކުރެވޭނެ ކަމަށް"

ފައުޒީ ވިދާޅުވީ  މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް މިއަދު ފެނަކައާއި ހަވާލުކުރެވުނު ނަމަވެސް ކުރިޔަށް އޮތް ތަނުގައި ފެނަކައިގެ ޓީމާއެކު މިފްކޯއިން މަސްވެރިންނަށް ހިދުމަތް ދިނުމަށް ދެމި ތިބޭނެ ކަމަށެވެ.

މިފްކޯއިން 22 އައިސް ޕްލާންޓް ހިންގަމުން އައި އިރު އެ ޕްލާންޓްތަކުން ދުވާލެއްގެ މައްޗަށް 830 ޓަނުގެ އައިސް އުފައްދައެވެ.

ފެނަކަ އިންޖީނުގެތަކަކީ ރައްޔިތުންނާ ވަރަށް ގާތުން ހިދުމަތްދޭ ވަރަށް ރަނގަޅަށް ހިންގާ އިންޖީނުގެތަކެއް ކަމަށް  ފައުޒީ ފާހަގަ ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.