ޖަޕާނުގައި ކުރިއަށްދާ އެކްސްޕޯގެ ތެރެއިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން،  ޓޫރިޒަމް އެކްސްޕޯ ޖަޕާނުގައި ބައިވެރިވެއްޖެއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން އެމްއެމްޕީއާރުސީއިން ޖަޕާނު މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ރާއްޖޭގެ ފަރާތުން ބައިވެރިން ޖަޕާނަށް ގޮސްގެން ބައިވެރިވާ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 22  ން 25 ވަނަ ދުވަހުގެ ނިޔަލަށް ޓޯކިޔޯ ބިގް ސައިޓްގައެވެ.

ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ހަރަކާތް ކަމަށްވާ މިފެއާއަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތައް އެއްތަނުން ބައްދަލުކޮށް، ވިޔަފާރީގެ އެކިމުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާ ހަރަކާތެކެވެ.

މި ފެއާގައި އެމްއެމްޕީއާރުސީ އިން ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް ރާއްޖެއާއި ގުޅޭ ފަތުރުވެރިކަމުގެ މުހިންމު މައުލޫމާތު ހިއްސާކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ސޯޝަލް މީޑިއާ ކޮންޓެސްޓްތަކާއި، ކުއިޒްތައް ބާއްވާ މި ހަރާކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު ހަދިޔާތައް ދިނުން އޮންނާނެއެވެ.

މި ފެއާގައި ރާއްޖޭގެ ސްޓޯލް ފަރުމާކޮށްފައި ވަނީ ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ގޮތަށެވެ. މި ފެއާގައި އެމްއެމްޕީއާރުސީއާ އެކު އިންޑަސްޓްރީގެ 06 ކުންފުންޏަކުން 12 މަންދޫބުން ބައިވެރިވެއެވެ.

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި (ރިސޯޓް، ހޮޓަލް، ގެސްޓްހައުސް، ލިވަބޯޑް) ތަފާތު ތަޖުރިބާތައް އެމްއެމްޕީއާރުސީ އިން މާކެޓްކުރާނެއެވެ. ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހިދުމަތް ފޯރުކޮށްދޭ ތަފާތު ސެގްމަންޓްތައް (ރޮމޭންސް، ހަނީމޫން، ފެމިލީ، އެޑްވެންޗަރ، ވޯޓަރ ސްޕޯޓްސް/ޑައިވް، މައިސް) ސެގްމެންޓުތައް މި ފެއަރގައި ޖަޕާނުގެ ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ކޮންސިއުމަރުންނަށް ދައްކާލާނެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި އެއް މާކެޓެވެ. 2019 ވަނަ އަހަރު ޖަޕާން އޮތީ ރާއްޖެއަށް 9 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓްގެ ގޮތުގައެވެ. ކޮވިޑާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ބަންދުކޮށްފައި އޮތް ޖަޕާން މިފަހުން ހުޅުވާލާފައިވާއިރު، 10 އޮގަސްޓް 2022 ގެ ނިޔަލަށް ޖަޕާނުން ޖުމްލަ 2،909 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އެމްއެމްޕީއާރުސީ އިން ވަނީ ކޮވިޑް-19 ގެ ދުވަސްވަރުގައި ވެސް ހުއްޓުމެއްނެތި ޖަޕާނުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ޓްރެވަލް ޓްރޭޑް އަދި މީޑިއާގެ ލީޑިންގ ޕާޓްނަރުންނާއެކު ޑިޖިޓަލް ކެމްޕޭންތައް ކުރިއަށް ގެންގޮސް ޖަޕާނުގެ ޓްރެވަލް އޭޖެންޓުން/ޓުއަރ އޮޕަރޭޓަރުންނަށް ޑެސްޓިނޭޝަން އިންފޮމޭޝަން ވެބިނާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު، ޖަޕާން މާކެޓަށް އަމަޒުކޮށް ރޭވި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރެއްގައި ޖަޕާނުގެ ހައި ޕްރޮފައިލް މީޑިއާތަކުގެ އިސް އޮފިޝަލުން ވަނީ ރާއްޖެ ގެނެސްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.