ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު

ހުއްޓިފައި ހުރި އައިސްޕްލާންޓްތައް 24 ގަޑިއިރު އޮޕަރޭޓްކުރެވޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިފްކޯއިން ހިންގަމުން އައި އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވަނީ ފެނަކައަށް އިތުބާރުކޮށް އެ މަސައްކަތް ފެނަކައާއި ހަވާލުކުރުމުން ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ފެނަކައިން އައިސްޕްލާންޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި ބައިނަލް އަގްވާމީ މާލީ އިދާރާތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މިފްކޯއިން ފެނަކަ އާއި ހަވާލުކުރި އައިސްޕްލާންޓްތައް ނެޓްވޯކަކުން ގުޅާލުމަށް 20 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށާއި، އޭގެ ބަދަލުގައި ވިސްނަނީ ގްރީން އެނާޖީ ބޭނުންކޮށްގެން ޕްލާންޓްތައް ހިންގުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ލަހެއް ނުވެ ވީހާ އަވަހަކަށް މަސްވެރިންނަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، މަސްވެރިންނާއި ގާތުން އެ މަސައްކަތް ކުރާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ދެ މަގްސަދެއް މިއޮތީ. އެއް މަގްސަދަކީ ދެމެހެއްޓެނިވި ގޮތަށް މަސްވެރިންނަށް އައިސް ލިބުން. އަނެއް މަގްސަދަކީ މިހާރު މިފްކޯއިން އައިސް އުފައްދާ އަގަށްވުރެ ކުޑަކޮށް އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުން. ކުރިޔަށް އޮތްތަނުގައި އެނިޒާމުތައް ބޭނުންކޮށްގެން މި ބަލަނީ ކިހާ ކުޑަމިންވަރަކުންތީ އައިސް އުފެއްދޭނީ. އެހިސާބުން މަސްވެރިންނަށް އެ އަގަށް އިތުރު ބަދަލެއް ގެންނަން އިނގޭނީ"

މި ވަގުތު ހުރި ކެޕޭސިޓީގައި އައިސް ލިބޭނެކަމަށާއި އެއިން ޕްލާންޓެއް ނުހުއްޓި އޮޕަރޭޓް ކުރެވޭނެ ހުރިހާ ގޮތަކަށް މަސައްކްތްކޮށްދެއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކައިން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރާ ތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖް ލޮކަރތަކެއް ތައާރަފްކޮށް މަސް ރައްކާކުރެވޭ އިންތިޒާމުވެސް ހަމަޖައްސަވާދެއްވާނެ ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގައި ހުއްޓިފައިހުރި 24 ގަޑިއިރަށް ހިންގޭނެ ފަދަ މެކޭނިޒަމަކަށް ގައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.  އަދި މިއަދު ތައާރަފް ކުރެވުނު އެޕްލިކޭޝަންގެ ސަބަބުން އައިސް ޕްލާންޓްތަކާއި ހަމައަށް އައުމުގެ ކުރިން އައިސް ބޭނުންވާ މިންވަރެއް ބުކް ކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ކުރިން މަސްވެރިން އައިސް ޕްލާންޓާއި ހަމައަށް އަންނައިރު އައިސް ނެތުމުގެ މައްސަލަ ދިމާވި ނަމަވެސް މި އެޕްލިކޭޝަންގެ ސަބަބުން، އެފަދަ މައްސަލަތައް މަސްވެރިންނަށް ދިމާނުވާނެ ކަމށް ސައީދު ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.