މާވިން އާއި މޭރީ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސް ނަރުސް، މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ދީފައިވާ ފަރުވާތަކާއި ގުޅޭ ލިޔެކިއުންތައް ދިފާއުއަށް ދޭން ޖެހޭނެ ކަމަށް ނިންމާ އެ ލިޔުންތައް ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ފޮނުވަން އަމުރު ކޮށްފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު މޭރީ މަރާލި މައްސަލައިގައި ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށްބުނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށެވެ.ލަމްހާއަށް ދައުވާ ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ވިދާޅުވީ މޭރީއަށް ދިން ފަރުވާގެ ތަފްސީލުތައް އެނގޭނެ މެޑިކަލް ޗާޓްތަކާއި ލިޔުންތައް ހުރިނަމަ އެ ލިޔުންތައް 7 ދުވަހުގެ ތެރޭގައި ކޯޓާ ހިއްސާކުރަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ލިޔުމެއް ނެތްނަމަ އެކަންވެސް ހަތްދުވަސް ތެރޭގައި ކޯޓަށް އެންގުމަށް ގާޒީ ވަނީ އަމުރު ކުރައްވާފައެވެ.

މޭރީއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ނަރުހުންގެ މައުލޫމާތު ހޯދުމަށްވެސް ލަމްހާގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް ގާޒީ ނިންމެވީ އެ މައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށެވެ.

ހޮސްޕިޓަލްތަކުންގައި ނޫންތަނެއްގައި ގެންގުޅުން މަނާ ބޭސްތަކެއް ލަމްހާގެ ގެއިން ފެނުނު މައްސަލާގައިވެސް ލަމްހާގެ މައްޗަށް ދައުވާ ކުރެއެވެ.

ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްތައް ރާއްޖެ އެތެރިކުރި ގޮތުގެ ލިޔުންތަކާއި ބެހޭ ގޮތުން ގާޒީ ވިދާޅުވީ އެ ބޭސްތަކަކީ ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ އެއްޗަކަށް ނުވާތީ އެކަން ނަފީ ކުރެވެން ނެތް ކަމަށެވެ. އަދި ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްތަކަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް އައިޖީއެމްއެޗަށް ލިޔުންތަކުން އެނގޭތީ އެ ލިޔުންތައް ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

ލަމްހާގެ ފަރާތުން ހުށަހެޅީ އިންޑިއާ ސަރުކާރާއި ރާއްޖެއާއި ދެމދު ގާނޫނީ ކަންކަމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކާއި އެ މައްސަލާގައި ވީޑިއޯ ފޫޓޭޖް ނަގަން ދިން ކޯޓު އަމުރުތަކާއި ލަމްހާގެ ގެއިން ފެނުނު ކަމށް ބުނާ ބޭސްތައް ރާއްޖެ އެތެރެކުރި ގޮތާ ބެހޭ ކަސްޓަމްސްގެ ލިޔުންތައް ހޯދުމަށެވެ.

މާވިން އާއި ލަމްހާ

ލަމްހާގެ ފަރާތުން މި މައްސަލައިގެ ޝަރީއަތަށް 12 ހެކިން ހުށަހެޅިއެވެ. ދިފާއީ ހެކިންގެ ގޮތުގައި ލަމްހާގެ ފަރާތުން ހުށަހެޅީ އޭނާގެ އާއިލާގެ ބަޔަކާއި، މައްސަލަ ތަހްގީގު ކުރި ފުލުސް މީހާއާި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމާއި، ޑޮކްޓަރ ޔޫސުފް ޝާނާއި ނޫސްވެރިޔާ އަހުމަދު ސާއިލް އާއި ޑޮކްޓަރުންތަކެކެވެ.

އެހެންނަމަވެސް ދައުލަތުން ހުށަހެޅީ ލަމްހާގެ ފަރާތުން ހުށަހެޅި 12 ހެކިން ބަލައި ނުގަތުމަށެވެ. ގާޒީ ނިންމެވީ ޑރ. ޝާން އަި ސާއިލްގެ ނަން ބަލައި ނުގަތުމަށެވެ.

ޝާންގެ ނަން ބަލައި ނުގަތީ އޭނާއަށް މޭރީ ބެއްލެވި ޑޮކްޓަރަށް ނުވާތީ އެވެ.ސާއިލްގެ ނަން ބަލައިނުގަތީ އޭނާގެ ނަން ހުށަހެޅީ ސަން އޮންލައިންއަށް ލަމްހާ ދިން އިންޓަވިއުގެ ރެކޯޑިން ފުލުހުން ހޯދިގޮތާ ބެހޭ ގޮތުން ސުވާލުކުރަން ކަމަށްބުނެ ކަމުގައި ވިޔަސް އެ އިންޓަވިއުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމެއް ނެތި އެ އިންޓަވިއުގެ ރެކޯޑިން ހެދިގޮތާއި މެދު ސުވާލުކުރަންޖެހޭ ސަބަބެއް ނެތުމުންނެވެ.

ބާކީ ތިބި 10 ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން ގާޒީ  ނިންމެވީ އެ ހެކިންތައް ބަލައިގަތުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.