މާލޭގައި ފޯރުކޮށްދޭ މިނީ ބަހުގެ ޚިދުމަތް

މިނީ ބަސް ދުއްވުމަށް މާލެ ސަރަހައްދުގައި މިހާރު އަލަށް ހަދާފައިވާ ބަސް ހުއްޓިތައް ހިޔާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިނީ ބަހުގެ ހިދުމަތް މާލޭގައި ފަށާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ބަހުގެ ހިދުމަތަށް އާންމުންގެ ތަރުހީބު ލިބެމުންދިޔަނަމަވެސް، ބަސް ހުއްޓިތަކަށް ހިޔާވާނެ ގޮތެއް ނެތި، އަވީގައި ތިބެން ޖެހުމުގެ ކަންބޮޑުވުންތައް ވަނީ ފާހަގަވެފައެވެ.

ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި ސީއީއޯ އާޒިމް ވިދާޅުވީ ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހިޔާކުރުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް މިވަގުތު ތިލަފުށީގައި ކުރަމުންދާ ކަމަށާއި ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މިނީ ބަސް ތިން ރޫޓަކުން ދަތުރުކުރަމުންދާއިރު ކޮންމެ ރޫޓެއްގައި 40 ބަސް ހުއްޓި ހުރެއެވެ. މިވަގުތު ބަހުގެ ހިދުމަތް ހިލޭ ފޯރުކޮށްދެމުންދާއިރު ބަހުގެ ޓިކެޓުގެ އަގަކީ 7 ރުފިޔާއެވެ. ބަސް ޓިކެޓަށް ލާރި ނަގަން ފެށި ކަމުގައިވިޔަސް އުމުރުން ދުވަސްވީ މީހުންނާއި، 3 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ޔުނިފޯމްގައި ތިބޭ ދަރިވަރުންނަށް ހިލޭ މިހިދުމަތް ފޯރުކޮށްދޭނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭ މުއްދަތު ނިމުމުން، އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރް ޓިކެޓް ގަނެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.