ރާއްޖެގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް  މިހާރުން ފެށިގެން ވެސް ނެގޭގޮތަށް ބަދަލުކޮށް ޤާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު، 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވާފައިވަނީ މިއަދެވެ. އެހެންކަމުން މިއަދުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފެށުނީއެވެ.

ޓޫރިޒަމް ގާނޫނަށަ އިސްލާހުގެނައުމުގެ މި ބިލަކީ، މި އަހަރުގެ ސެޕްޓެންބަރު 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިސްލާޙަކީ، އެ ޤާނޫނުގެ 11 ވަނަ އިޞްލާޙުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ވެސް މި ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.