އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްވައިފިއެވެ.

އެ ޔަގީންކަން ނައިބު ރައީސް ދެއްވީ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް (ސާބާ) ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި އިއްޔެ ބައްދަލުކުރެއްވުމަށްފަހުއެވެ.

އެ ބައްދަލުކުރެއްވުމުގައި ކުޅުންތެރިންނާ މުޚާތަބުކުރައްވާ ނައިބު ރައީސް ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގެ އިންޑޯ ހޯލުގައެވެ.

އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެން ނައިބު ރައީސް ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެންމެހާ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސާބާ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ޖާޒީ ޓީމާއި ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ މި މުބާރާތް  ކުރިޔަށްދާނީ މިމަހުގެ ނިޔަލަށް ރާއްޖޭގައެވެ.  މި މުބާރާތަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމުން ވަނީ ތައިލޭންޑާއި އިންޑިއާގައި ކޭމްޕްކޮށް ފަރިތަކުރުންތައް ބާއްވާފައެވެ.

ރާއްޖޭން ރަންމެޑަލް ހޯދަން އަމާޒު ހިފާފައިވާ މި މުބާރާތުގައި ދެން ވާދަކުރާ ގައުމުތަކަކީ ސްރީލަންކާ، ބަނގްލަދޭޝް، ބޫޓާން އަދި ނޭޕާލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.