ރ. މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.
އެމްޓީސީސީން ބުނީ މާކުރަތު ބަނދަރު މަޝްރޫއުގެ ތެރެއިން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މާކުރަތު ބަނދަރުގެ މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މާކުރަތު ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރީ 13 ޖެނުއަރީ 2022 ގައެވެ. މި މަސައްކަތް ނިންމަންދީފައިވާ މުއްދަތަކީ އެއް އަހަރު ދުވަހެވެ.