ރާއްޖެއަކީ މީގެ 30 އަހަރު ކުރީން މެރިޓައިމް ސިނާއަތުގައި ނަން ހިނގާ ގައުމެއްކަމަށްވިޔަސް ވޭތުވެދިޔަ އަހަރުތަކުގައި މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ސަބަބުން ސިނާއަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް މިނިސްްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުދަތުރާއި ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރް ނަހުލާ ވިދާޅުވީ ރާއްޖެއަކީ މީގެ 30 އަހަރު ކުރީން މެރިޓައިމް ސިނާއަތުގައި ނަން ހިނގާ ގައުމެއްކަމަށާ ވޭތުވެދިޔަ އަހަރުތަކުގައި މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ސަބަބުން ސިނާއަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ. އެގޮތުން މެރިޓައިމް ސިނާއަތަށް ގާބިލް، ހަރުދަނާ، ތައުލީމީ މީހުން ނެރުމަށް އެކިއެކި ތަމްރީން ޕްރޮގްރާމްތައް ފަށާފައިވާކަމަށާއި، އެ ޕްރޮގްރާމްތަކުގެ ސަބަބަން ރާއްޖެއަށް ލާބައާއި މަންފާ ކުރާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސީމަނުންނަކީ ކީވޯކާސްގެ ގޮތުގައި މިއަހަރު ކަނޑައަޅައި، އެފަރާތްތަކަށް ހާއްސަ ގޮތްތަކެއް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ކޯވިޑަށްފަހު ރާއްޖެ އަންނަ އާގުބޯޓު ފަހަރު އިތުރުވެ، ރާއްޖެގެ ޝިޕިންގެ އިންޑަސްޓްރީއަށް ކުރަމުން އަންނަ ފައިދާ ދަނީ އެތައް ގުނައެއް އިތުރުވަމުން."

މިނިސްޓަރ ނަހުލާގެ ވާހަކަފުޅުގައި ވަނީ ޓެކްނޮލޮޖީ ދާއިރާގައި ދުނިޔެ ކުރިއެރުންތައް ހޯދަމުންދާއިރު ކަނޑު އުޅަނދުފަހަރުވެސް ތަރައްގީކުރަންޖެހޭނެކަން ފާހަގަކުރައްވާފައެވެ. އަދި ތިމާވެއްޓާއި ރަށްޓެރި އައު ހޯދުންތައް ހޯދައި، އެ ހޯދުންތަކުގެ އެހީގައި ކަނޑު އުޅަނދު ފަހަރާއި އޭގެ ވަށައިގެންވާ މާހައުލު ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށް ކެނޑިނޭޅި މަސައްކަތްކުރަންޖެހޭކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މެރިޓައިމް ދާއިރާއާ ގުޅުންހުރި ތިން ފޮތެއް ވަނީ ތައާރަފު ކޮށްފައެވެ. މީގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަ ދެ ފޮތާއި އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓް ކުރާ ފަރާތްތަކުގެ އިތުރުން ކެޕްޓަނުންނަށް ހާއްސަ ފޮތެއް ހިމެނެއެވެ.

މިއަހަރުގެ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަ ކުރާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. މިއަހަރުގެ ޝިއާރަކީ "ނިއު ޓެކްނޮލޮޖީސް ފޯރ ގްރީނާ ޝިޕިން"އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.