ސްވިޒަރލެންޑްގައި ރާއްޖެ އިޝްތިހާރުކުރަނީ

ސުވިޒަލޭންޑުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އައުޓްޑޯރ އެޑްވަޓައިޒިންގ ކެމްޕޭނެއް ފަށައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުން އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ދިވެހިރާއްޖެއަށް ސުވިޒަލޭންޑުގެ މާކެޓުގައި އޮތް މަގުބޫލުކަން ދަމަހައްޓާ، ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕޭންގައި ޒޫރިކްގެ ބޮޑު ދެ ސަރަހައްދެއްގައި ހަތަރު ހަފްތާގެ މުއްދަތަށް ރާއްޖޭގެ އިޝްތިހާރުތައް ބިލްބޯޑުގައާއި ޑިޖިޓަލް ސްކްރީންގައި އަޅުވާފާ ހުންނާނެއެވެ. އަދި މި އިޝްތިހާރުތައް އެތައް މިލިއަން ބަޔަކަށް ފެންނާނެކަމަށް އަންދާޒާ ކުރެވެއެވެ. ދިވެހިރާއްޖޭގެ ގުދުރަތީ ނަލަކަމުގެ އިތުރުން މި އިޝްތިހާރުތަކުގެ ޒަރިއްޔާއިން ސްވިސް ފަތުރުވެރިންނަށް ރާއްޖެއިން ލިބެެންހުރި އެކި ތަޖުރިބާތައްވެސް ދައްކުވައިދޭނެއެވެ.

ސްވިސް މާކެޓުން 14 ސެޕްޓެންބަރު 2022 ގެ ނިޔަލަށް 22،751 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު،  ސްވިސް މާކެޓަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ސޯސް މާކެޓުތަކުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ދެމެހެއްޓުމަށްޓަކައި އެމްއެމްޕީއާރުސީއިން ވަނީ އެކި ހަރަކާތްތައް މި މާކެޓަށް އަމާޒުކޮށްގެން މިއަހަރު ތެރޭގައި ހިންގާފައެވެ. މީގެތެރޭގައި މީޑިއާ ފެމިލިއަލައިޒޭޝަން ދަތުރުތަކާއި ޑިޖިޓަލް ކެމްޕޭން އަދި ފޯލްސްޓާފް އާއެކު ޕްރިންޓް ކެމްޕޭނެއްވެސް ވަނީ ހިންގާފައެވެ. މިއަހަރު ތެރޭގައި މި މާކެޓަށް އަމާޒުކޮށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ.

0
0
0
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.