ރިޕޯޓް

ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމާއިމެދު މަޝްވަރާކުރުމަށް އއ އަދި އދގެ ކައުންސިލް ރައީސުން ސްޓެލްކޯއާއެކު އެއްމޭޒަކަށް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް

ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި މެދު އަބަދުވެސް ކަންބޮޑުވުންތަކެއް ހުރެއެވެ. އަދި އެކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި ހިދުމަތްދޭ ފަރާތްތަކުން އަންނަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިންވެސް އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ފަރާތްތަކާއި މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ގިނަކަން ފާހަގަކޮށްލެވެ އެވެ. އަދި މިވަގުތަށް ބަލާއިރު، އެ ކަންބޮޑުވުންތައް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ހަމަޔަށް ގިނަ ފަހަރު ފޯރަނީ، ސޯޝަލް މީޑިއާއިންނެވެ. އެހެން ކަމުން މިގޮތައް އަންނަ ކަންބޮޑުވުންތަކުގެ ކްރެޑިބިލިޓީ ގެއްލި ގިނަފަހަރު އެއަކަށް މާބޮޑު ސަމާލުކަމެއްދޭ ތަނެއް ނުފެނެ އެވެ.

އެހެން ނަމަވެސް ސްޓެލްކޯއާއި ހަވާލުވި ހިސާބުން ފަށައިގެން ސްޓެލްކޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފަކީ، ކުންފުނީގެ ވިޔަފާރި އެއީ ސެކަންޑަރީ އޮބްޖެކްޓިވް ކަމަށްބަލައި، ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަކީ، މުޅި ކުންފުނީގެ ޕްރަމައިރީ އޮބްޖެކްޓިވްކަމަށް ދެކި، އެމަގަށް މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަމުންދާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ ބޭނުންތަކާއި، ކަންބޮޑުވުންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ބަޔަކަށް ވާނީ، އެ ރައްޔިތުންގެ ޒިންމާތައް މަތިކޮށް، އެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމަށް އެ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ކައުންސިލަރުން ކަމަށްވާތީ، އެ ބޭފުޅުންނާއިއެކު އެއްމޭޒަކުން މަޝްވަރާކުރުމުގެ ޕްރޮގްރާމެއް ފަށާފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ ޝަރީފް ބައްދަލުކުރައްވާފައިވަނީ، ސްޓެލްކޯއިން ހިދުމަތްދޭ އއ. އަދި އދ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ކައުންސިލް ރައީސުންނާއި، އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލް ރައީސުންނާ އެވެ. އަދި މި ބައްދަލުވުންތަކުގައި އެ ރަށްރަށުގެ އިންޖީނުގެތަކުގެ ސްޓޭޝަން މެނޭޖަރުންވެސް ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގެ އެންމެ ހާއްސަ އެއްކަމަކީ، ވަކި ސިޔާސީ ފިކުރަކަށް ވަކި ރަށަކަށް ބެލުމެއްނެތި އެންމެނަށްވެސް ހަމަހަމަ އުސޫލަކުން ފުރުސަތު ލިބިގެންދިއުމާއި، ހުރިހާ ފަރާތެއްގެ ކަންބޮޑުވުންތައްވެސް އަޑުއަހައި، އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށް، މިވަގުތުން ވަގުތައްވެސް ކުރެވެން ހުރި ކަންކަން ކޮށް ނިންމާނެ ކަމުގެ ޔަގީންކަން ކައުންސިލްތަކުގެ ރައީސުންނަށް ޝަރީފްގެ ފަރާތުން ލިބިގެން ދިއުމެވެ.

މީގެ އިތުރުންވެސް، ރަށުފެންވަރުގައި ހިންގޭ އިޖުތިމާއީ ހަރަކާތްތަކަށާއި، ރައްޔިތުންނަށް ފައިދާއާއި ލާބަހުރި ކޮންމެ ކަމެއްގައި، ސްޓެލްކޯގެ އެ ރަށެއްގެ މުވައްޒަފުންނާއި، ސްޓެލްކޯގެ މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް މި މަޝްވަރާބައްދަލުވުމުގެ ތެރެއިން ވަނީ ކައުންސިލްތަކުގެ ރައީސުންނަށް އަރުވާފަ އެވެ. ޝަރީފް ވަނީ މިއީ މިފަދަ ފުރަތަމަ ބައްދަލުވުމަށްވީނަމަވެސް، މިފަދަ  އިތުރު ބައްދަލުވުންތައް ކުރިއަށްއޮތްތަނުގައި ބާއްވައި، އެބޭފުޅުންގެ މަޝްވަރާ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ މަސައްކަތްތައް ބައްޓަން ކުރުމުގައި ރައްޔިތުން ބޭނުންވާގޮތަށް، އެ ރައްޔިތުންގެ ބައިވެރިވުން ހިމެނިގެންދާނެ ކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ޝަރީފާއި، ސްޓެލްކޯގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ. އަދި ރަށުފެންވަރުގައި ހިންގާ ހަރަކާތްތަކުގައި މިހާރުވެސް ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދާކަން ފާހަގަކޮށް، އެ ކަމަށްޓަކައިވެސް ވަނީ އެ މުވައްޒަފުންނަށާއި، މެނޭޖްމަންޓަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ، އއ. އަތޮޅުގެ ފަސް ރަށަކާއި، އދ. އަތޮޅުގެ ނުވަ ރަށެއްގެ ކައުންސިލަރުންނެވެ. އެ ރަށްތަކަކީ އއ. މަތިވެރި، އއ. ބޮޑުފޮޅުދޫ، އއ. ފެރިދޫ، އއ. މާޅޮސް، އއ. ހިމެންދޫ، އދ. ހަންޏާމީދޫ، އދ. އޮމަދޫ، އދ. ކުނބުރުދޫ، އދ، މަހިބަދޫ، އދ. މަންދޫ، އދ. ދަނގެތި، އދ. ދިގުރަށް، އދ.ދިއްދޫގެ އިތުރުން އދ. ފެންފުށީގެ ކައުންސިލްތަކުގެ ރައީސުންނާއި، އއ. އަދި އދ، އަތޮޅު ކައުންސިލްގެ ރައީސުންނެވެ.

0
0
2
0
0

ކޮމެންޓް

Your email address will not be published.

0 %