ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތާއި އެއްގޮތަށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއާއި އއ އަދި އދ ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވަނީ ސްޓެލްކޯއަކީ 100 އިންސައްތަ ސަރުކާރު ކުންފުންޏެއްކަން ފާހަގަކުރައްވައި ކުންފުނިން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރަމުންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް މިސަރުކާރުންނާއި ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒްކުރުމަށް އެކުންފުނީގެ އެއްބާރުލުން ރައީސަށް ލިބިލައްވާނެކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯގެ އަމާޒަކީ ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށްވާއިރު ރަށު ކައުންސިލްތަކަށް އެއްބާރުލުންދިނުމަށް ސްޓެލްކޯއިން ބޭނުންވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރަށްތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން ކުރާ އިޖްތިމާއީ މަސައްކަތްތަކުގައި އެކުންފުނިން ބައިވެރިވާނެ ކަމަށާއި ރަށްތަކުން އެދޭ ކަންކަން ސްޓެލްކޯގެ ފުދުންތެރިކަން ހުރި މިންވަރަކުން ކޮށްދެމުންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކާއެކު މި އަތޮޅުގެ ރަށްތަކުގައި ސްޓެލްކޯގެ ފަރާތުން މަގުބައްތި ހަރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. އޮކްޓޫބަރު މަސް ނިމުމުގެ ކުރިން މިހިދުމަތް ދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

"ހިދުމަތަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތުގައި ނުވަތަ ހަރަދެއް ކުރަންޖެހިއްޖެނަމަ ކައުންސިލްތަކާއި އެކަމާއި ގުޅޭގޮތުން ވާހަކަދައްކާނަން. ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި މީގެ ފަހުން ދަބަރު ޖަހާފައި ހުރި ހޮޅި ދަނޑިއެއް ނުހުންނާނެ. އެރަށްތަކުގައި މަގުބައްތިތައް ހުންނާނީ ދިއްލިފައި"

ސްޓެލްކޯއިން ރަށްތަކުގައި ކުރިއަށް ގެންދަމުން އަންނަ ޕްރޮޖެކްޓްތަކަށް އަލިއަޅުވާލައި ޝަރީފް ވަނީ މާފުށީ ކުނި މެނޭޖްކުރުމުގެ ޕައިލަޓް ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރު ރަށްތަކަށް އެހިދުމަތް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އަތޮޅުތެރޭގެ އިންޖީނުގެތަކުގެ އޮނިގަނޑު ރިވައިސްކޮށް މުވައްޒަފުންގެ އަދަދު އިތުރުކުރުމަށް ފާސްކުރެވިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *