އެމްޓީސީސީގެ އައު ޑްރެޖަރ "ބޮޑު ޖައްރާފު" ބޭނުންކޮށްގެން ފަށާ ފުރަތަމަ މަޝްރޫއުގެ މަސައްކަތް ކަމުގައިވާ ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ގއ. ދާންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޞިލް މުޙައްމަދު އަސްލަމާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔަޢުޤޫބް ޢަބްދުالله އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ
އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދ މިހާރުގެ ދާންދޫއާ، އަލަށް މި ހިއްކާ ބިން، ބްރިޖަކުން ގުޅާލެވިގެން ދާއިރު، މި އައު ބިން، ވެގެންދާނީ، ޒަމާނީ ދާންދޫގެ އާޙަޔާތެއްގެ
ފެށުން ކަމަށާ މި މަޝްރޫޢު ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރި، ހިތް އުފާކޮށްލާނެ ގޮނޑުދޮށް ހަދާނެ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

ދާންދޫގެ ބިން ހިއްކުމަށްޓަކައި ބޭނުންކުރާނީ އެމްޓީސީސީން އެންމެ ފަހުން ގެނައި ބޮޑު ޖައްރާފެވެ. މިއީ މި ޖައްރާފު ބޭނުންކޮށްގެން ހިންގާ ތަރައްޤީގެ އެންމެ ފުރަތަމަ މަޝްރޫޢެވެ. ބޮޑު ޖައްރާފު އެމްޓީސީސީގެ ފްލީޓްގައި ހިމެނުމާއެކު، އެމްޓީސީސީވަނީ މި ސަރަޙައްދުގައި ޑްރެޖިންގ ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށްވެފައެވެ.

ބޮޑު ޖައްރާފު ބޭނުންކޮށްގެން ހިންގާ ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، 975،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް
ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 64.186 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.

އެމްޓީސީން ބުނީ އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.