ޖަޕާން ބާރުގަދަ ނުރައްކާތެރި ތޫފާނަކަށް ތައްޔާރުވަނީ

މިއަދު ދުވަހު ޖަޕާނަށް އަރާނެކަމަށް ލަފާކުރެވޭ ނުރައްކާތެރި ތޫފާނުން ސަލާމަތްވުމަށް ތިން މިލިއަނެއްހާ މީހުން ރައްކާތެރި ގެތަކަށް ބަދަލުކޮށް އެތައްހާސް ބަޔަކަށް ގޭން ބޭރަށް ނުނިކުމެ ތިބުމަށް އިލްތިމާސް ކޮށްފިއެވެ.

ތޫފާން 'ނަންމަޑޯލް' މިސްރާބު ޖަހާފައި ހުރީ ޖަޕާނުގެ ހުޅަނގުދެކުނަށް ކަމަށް އެގައުމުގެ މީޓިރިއޮރޮލޮޖިކަލް އެޖެންސީން ބުނެއެވެ.

ބާރުގަދަ މި ތޫފާނުގެ އަސަރު ކުރާނެކަމަށް ބެލެވޭތީ ޖަޕާނުގެ މޫސުމާއި ބެހޭ އެޖެންސީން ވަނީ ވަރަށް މަދުން ނޫނީ އެ އެޖެންސީން ނުނެރޭ އެލާޓެއް ކަމަށްވާ "ސްޕެޝަލް ވޯނިން" ކިއުޝޫ ރީޖަންގެ، ކަގޮޝީމާ ސަރަހައްދަށް ނެރެފައެވެ. މި އެލާޓަކީ ތޫފާނުގެ ނުރައްކާ ވަރަށް ބޮޑުވާނެ ކަމަށް އަންދާޒާކުރެވޭތީ ނެރެފައިވާ އެލާޓެކެވެ. މި ތޫފާނާއި ގުޅިގެން  އާދަޔާ ހިލާފަށް ވައި ބާރުވެ ބޯކޮށް ވާރޭވެހި ކަނޑުގެ ރާޅުތައްވެސް އުފުލޭނެ ކަމަށާއި، އެ ރީޖަނަށް ހީވެސް ނުކުރާވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ލަފާކޮށް ޖަޕާނުގެ މޫސުމާ ބެހޭ އެޖެންސީން ވަނީ އިންޒާރު ދީފައެވެ.

އެ އެޖެންސީގެ އިސްވެރިޔާ ރިޔުޓާ ކޮރޯރާ ވިދާޅުވީ މި ތޫފާނަށް ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެ ހުޝިޔާރުވެގެން ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މިއީ ވަރަށް ނުރައްކާތެރި ތޫފާނެއް. ވައި ވަރަށް ގަދަވާނެ. ބައެއް ގެތައްވެސް ވަޔާއެކު ހަލާކުވެދާނެ. ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ހިނގާފާނެ"

މިއަދު ހެނދުނު ކަގޮޝީމާ އާއި އަވައްޓެރި މިޔަޒަކީ ސަރަހައްދުގެ 25،680 ގެތަކުން ވަނީ ކަރަންޓް ކެނޑިފައެވެ. އަދި އެރީޖަނުގެ ޓްރެއިން ދަތުރުތަކާއި، ފްލައިޓްތަކާއި ފެރީ ދަތުރުތައްވެސް ވަނީ ތޫފާންގެ ސަބަބުން ކެންސަލްކޮށްފައެވެ.

މިހާތަނަށް އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް، ކިއުޝޫ ރީޖަނުންގެ 2.9 މިލިއަން މީހުންނަށް އަންގާފައިވާ ކަމަށް ޖަޕާނު ސަރުކާރުގެ ފަޔާރ އެންޑް ޑިޒާސްޓާރ މެނޭޖްމެންޓުން ބުނެއެވެ.

މިއަދު ހެނދުނު ޖަޕާނު ގަނޑިން 9:00 ގައި ތޫފާން ހުރީ ޔަކުޝިމާ އައިލެންޑާއި 80 ކިލޯމީޓަރު ދުރުގައެވެ. އަދި ގަޑިއަކު 252 ކިލޯ މީޓަރަށް ވަނީ ވައި ބާރުވެފައެވެ. ލަފާކުރެވޭ ގޮތުގައި ތޫފާނުގެ އަސަރު މިއަދު ހަވީރު ކިއުޝޫއަށް ކުރާނެއެވެ. އަދި އެ ރީޖަނުގެ ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުންފަދަ ހާދިސާތައް ހަވީރައި ރޭގަނޑު ކުރިމަތިވާނެއެވެ. ތޫފާނުގެ މިސްރާބު އިރުއުތުރަށް ބަދަލުވުމުގެ ކުރިން ޖަޕާނުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ހޮންޝޫއަށް އަންނަ ބުރާސްފަތި ދުވަހު މި ތޫފާން އަރާނެ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އެޖެންސީން ލަފާކުރެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *