ޚަބަރުރިޕޯޓް

އޯޒޯން ނެތި ހިނގައިދާނެ، ދުނިޔެއަށްޓަކާ ރައްކާތެރިކޮަށްދީ!

މިއީ ދުނީޔޭގެ އޯޒޯން ދުވަހެވެ. އިންޓަނޭޝަނަލް ޑޭ ފޯ ދަ ޕްރިޒަވޭޝަން އޮފް އޯޒޯން ލޭޔާގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ ހާއްސަ ދުވަހެވެ. މިއަހަރުގެ އޯޒޯން ދުވަހުގެ ޝިއާރަކީ "ދުނިޔޭގެ ދިރިއުޅުން ރައްކާތެރިކުރުމަށް ބައިނަލް އަގްވާމީ އެއްބާރުލުން" ނުވަތަ "ގްލޯބަލް ކޯޕަރޭޝަން ޕްރޮޓެކްޓިން ލައިފް އޮން އާރތް" އެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްގައި އެންމެ ފުރަތަމަ ސޮއި ކުރެއްވި ގައުމުތަކުގެ އިސްވެރިން

1987 ވަނަ އަހަރު ދުނިޔެ ކަންބޮޑުވާ މިންވަރަށް އޯޒޯން މަދުވަމުންދަަކަން ފާހަގަ ކުރެވިގެން 24 ގައުމަކުން ކެނެޑާގެ މޮންޓްރިއަލްގައި ބައްދަލުވުމެއް ބާއްވިއެވެ. އެ ބައްދަލުވުމުގައި މޮންޓްރިއަލް ޕްރޮޓޮކޯލެއް އެކުލަވާލާއި އެ ޕްރޮޓޮކޯލްއަށް އަމަލުކުރުމަށް އެ ގައުމުތަކުން އެއްބަސްވިއެވެ. ގައުމުތަކުން އެއްބަސްވުމަކަށް އައީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދަަތައް މަދުކުރުމަށެވެ. މި އެއްބަސަވުމުގައި ގައުމުތަކުން ސޮއި ކުރި ދުވަހާއި ދިމާކޮށް ކޮންމެ އަހަރެގެވެސް 16 ސެޕްޓެމްބަރަކީ ބައިނަލްއަގްވާމީ އޯޒޯން ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމީ އދގެ އާންމު މަޖިލީހުން  1994 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލް ގަައުމުތަކުގެ ބައްދަލުވުމެއް

އޯޒޯން ފަށަލައަކީ ކޮބާ؟

ކެމިކަލް ގޮތުން އޯ3 ގެ ގޮތުގައި ތަމްސީލުކުރާ އޯޒޯން އެކުލެވިގެންވަނީ އޮކްސިޖަންގެ ތިން އެޓޮމުން ނެވެ. އޯޒޯން އަކީ ސްޓްރެޓޮސްފިއާގެ މަތީގައި ހުންނަ ފަނޑު ނޫކުލައިގެ ރިއެކްޓިވް ގޭހެކެވެ. ދުނިޔޭގެ ޖައްވާއި ކައިރިއަށް އެގޭސް ޖަމާވެފައިވާނަމަ އޭގެ ގްރީންހައުސް އިފެކްޓުން އިންސާނުންނަށް ގެއްލުން ލިބި، ދުނިޔެ ހޫނުވުމާއި، އެއާ ގުޅުންހުރި އެހެނިހެން ކާރިސާތައް ކުރިމަތިވެދާނެއެވެ.

މިއީ ދުނިޔޭގެ ބިމުން ގާތްގަނޑަކަށް 15-35 ކިލޯމީޓަރު މަތިން ފެންނަ އެއްޗެކެވެ. އެއީ ގުދުރަތީ ގޮތުން އުފެދޭ އެއްޗެއްގެ އިތުރުން ސްޓްރެޓޮސްފިއާ (ދުނިޔޭގެ މަތީ ޖައްވު) އަދި ޓްރޮޕޮސްފިއާ (ދުނިޔޭގެ ތިރީ ޖައްވު) ގައި އިންސާނުން އުފެއްދި އުފެއްދުމެކެވެ. ގެއްލުން ހުރި ޔޫވީ ރޭޑިއޭޝަން ދުނިޔެއަށް ފޯރުވިޔަ ނުދީ ދުނިޔެ ރައްކާތެރި ކޮށްދެނީ އޯޒޯނުންނެވެ. ހާއްސަކޮށް ޔޫވީ-ބީ ވޭރިއަންޓް، ދުނިޔޭގެ ބިމަށް ފޯރިޔަނުދީ އިންސާނުން އަވިން އަނދާ، ހަމުގެ ކެންސަރު ޖެހުމުންނާއި ލޮލުގެ ކެޓަރެކްޓް ފަދަ ބަލިތަކުން ރައްކާތެރިކޮށްދެނީ އޯޒޯނުންނެވެ.

އޯޒޯން ފަށަލައެއް ނެތްނަމަ ވާނީ ކިހިނެއް؟
އިންސާނުންނާއި ދުނިޔޭގެ ދިރުންތައް ރައްކާތެރިކޮށްދޭ މި ޝީލްޑް ނެތް ނަމަ ބިމުގައި ދިރުންތަކުގެ ދިފާޢީ ނިޒާމު ދަށްވުމާއި، ފައިޓޯޕްލެންކްޓަންގެ އުފެއްދުންތެރިކަމަށް ބުރޫ އަރާ ކަނޑުގެ ދިރުންތަކަށް ހުރަސްތައް ކުރިމަތިވާނެއެވެ.

އޯޒޯން ފަށަލައަށް ގެއްލުންލިބި, އޯޒޯން ފަށަލަައިގައި ލޯވަޅެއް އުފެދުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ބޭރުވާ އޯޒޯނަށް ގެއްލުންދޭ މާއްދާތައް (އޯޑީއެސް) އެވެ.

ފެކްޓްރީތަކުން އަންދާ ތެލުން ޖައްވަށް ބޭރުކުރާ ވިހަ ދުންތަކާއި މަތިންދާބޯޓަށް އަޅާ ތެޔޮ އެންދުމާއި, ޕްލާސްޓިކް އެންދުން, މީގެ އިތުރުން ކްލޮރޯފްލޮރޯކާބަންސް (ސީއެފްސީ)، އާއި އެޗްސީއެފްސީ އަދި ހެލޯން އަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ މާއްދާތަކެވެ.

އޯޒޯން ފަށަލައަށް ގެއްލުންވާކަން ފާހަގަކުރެވުނީ ކޮން އިރަކު؟
އޯޒޯން ފަށަލައަށް ގެއްލުންވަމުންދާކަން ސައިންސްވެރިންނަށް އެނގުނީ 1970 ގެ އަހަރުތަކުގައެވެ. އަދި ދުވަހެއް ދުވަހަކަށް އޯޒޯންފަށަލަ ތުނިވަމުންދާކަން ސައިންސްވެރިންނަށް ދެނެގަނެވުނެވެ. ޚާއްޞަކޮށް ޕޯލާރ ސަރަހައްދުތަކުގައި އޯޒޯން އަމްބްރެއްލާ ތުނިވެފައިވާކަށް އެނގުނެވެ. އެއީ ނޯތް ޕޯލާއި ސައުތް ޕޯލް ވަށައިގެންނެވެ.

އޯޒޯން ދުވަސް ފާހަގަކުރަން ކުރެވޭނީ ކޮންކަމެއް؟
‎ކޮންމެ އަހަރަކުވެސް ބައިނަލްއަގްވާމީ އަދި ގައުމީ އެންވަޔަރަންމަންޓަލް ގްރޫޕްތަކާއި، ތަޖުރިބާކާރުންނާއި، އެޑިއުކޭޓަރުންނާއި، އެކްޓިވިސްޓުން އަންނަނީ އޯޒޯން ފަށަލަ އޮތުމާއި ހިމާޔަތްކުރުމުގެ ފައިދާތައް ޕްރޮމޯޓް ކުރުމަށް ސެމިނާތަކާއި އިވެންޓެއް ބާއްވަމުންނެވެ. މިފަދަ ސެމިނާތަކުން ލިބޭ މައުލޫމާތުގެ އަލީގައި އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަމާ ހިނގާށެވެ.

ތިބާގެ އެއާކޯން ބޭނުންކުރާ މިންވަރު މަދުކުރާށެވެ. އެކަން ނުކުރެވޭނަމަ އެންމެ ކުޑަމިނުން އޭސީތައް ރަނގަޅަށް މެއިންޓެއިންކުރާށެވެ.

ޒިންމާދާރުކަމާއެކު ފްރިޖާއި ފްރީޒާ ބޭނުންކުރާށެވެ. އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކުރާށެވެ. ތަންތައް ސާފުކުރުމަށް ބޭނުންކުރާ ބާވަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ތަކެތިކަން ޔަގީންކުރާށެވެ. ޕެސްޓިސައިޑް ބޭނުންކުރުމުން ދުރުހެލިވަމާ ހިނގާށެވެ. އެކި ގޮތްގޮތުން ވައި ތަޣައްޔަރުވުން މަދުކުރާށެވެ. މާދަމަށް ފަސްނުކޮށް މިފިޔަވަޅުތައް އެޅުން ހަލުވި ކުރަމާ ހިނގާށެވެ. ދުނިޔެއަށްޓަކާ އޯޒޯން ރައްކާތެރި ކުރެވޭނީ އޭރުންނެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %