މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެ ފަދަ ގައުމުތަކުން އެޑެޕްޓޭޝަންގެ ވާހަކަ ކުރިއަށްވުރެ ބާރަށް ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވަރސިޓީގެ އައްޑޫސިޓީ ހިތަދޫގައި ކެމްޕަހުގައި ބޭއްވި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭ ސެމިނާރ 'ފޯސޭކެން ފިއުޗާ - ޖަސްޓިސް އަންޑަރ ވޯޓާ' ގެ ޕެނަލް ޑިސްކަޝަނެއްގައި ބައިވެވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އާމްދަނީގެ 30 އިންސައްތަ ހޭދަކުރަން ޖެހެނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ގިނަ ގައުމުތަކަކީ ދަރަނި ބޮޑު ގައުމުތަކެއް ކަމަށާއި، ރާއްޖެއަކީވެސް އެފަދަ ގައުމެއް ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ދަރަނި ބޮޑުވަނީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ކަމަށާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރތައް ނެތެމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދަރަނިން ގައުމުތަކަށް ސަލާމަތް ނުވެވޭ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. ވީމާ އަލުން ދަރަނި ރީސްޓްރަކްޗަރ ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދަރަނި އަދާކުރުމަށް ހޭދަކުރާ ފައިސާ ހޭދަކުރަންވީ މުސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ކަމަށެވެ.
ރާއްޖެއަށް މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުކުރާ ކަމަށާއި، އެކަންކަމުން އަރައިގަތުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނުރަނގަޅު މޫސުމުގެ މިހާރުވެސް ރާއްޖެ ފަދަ ގައުމުތަކަށް ކޮށްފި ކަމަށާއި މިހާރު މިދަނީ ގެއްލެމުން ކަމަށް ފާހަރަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މިހާރު ކުރަންވީ ކަމަކީ އެޑެޕްޓޭޝަންގެ މަސައްކަތްތައް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން ކަނޑުއަޑީގެ ކެބިނެޓް ބޭއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލުގެ ބޮޑުމިން ހާމަކުރުމުގެ ގޮތުން ކަމަށެވެ.