އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ "އުއްމީދުގެ ރިޔާސަތުގެ" އުސް ކުރިބޯށްޓަކީ މިންތީގެ ހަމަހަމަކަމެވެ. އެ މަނިކުފާނުގެ "އުންމީދުގެ ރިޔާސަތު"، ބިނާކުރައްވައިފައި ވަނީ އަލިވިލުމުގެ އުންމީދީ 5 ދޯދިތަކެއްގެ މައްޗަށެވެ. އެ ގޮތުން މި ފަސް ދޯދި ގުޅި ލާމެހިފައިވަނީ މިންތީގެ ހަމަހަމަކަމަށެވެ. އެއީ ކޮވިޑް19ގެ އާލަމީ ވަބާއިން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ކަމުގައި ވިޔަސް، ނުވަތަ ދެމެހެއްޓެނިވި ތަރައްގީ ގާއިމު ކުރުމަށް ކުރެވޭ މަސައްކަތްތައް ކަމުގައި ވިޔަސް، އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތްކުރުން ކަމުގައި ވިޔަސް، އދ.ގެ އާންމު މަޖިލީހުގު ރައީސްގެ އޮފީހުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މިނިސްޓަރ ޝާހިދުގެ ގެންދެވީ އެ މަނިކުފާނުގެ އާރުކާޓީނަށް އިރުޝާދުދެއްވަމުންނެވެ.

އދ.ގެ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ހޭދަކުރެއްވި 1 އަހަރު ދުވަހުގެ ތެރޭގައި މި ވަނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އުސް ކުރިބޯށްޓާ ހަމައަށް ވާސިލުވެވަޑައިގެންފައެވެ. އެ ގޮތުން މިންތީގެ ހަމަހަމަކަމުގެ ވާހަކަތައް އާ ހަރުފަތްތަކަކަށް ގެންގޮސްދެއްވައިފައި ވެއެވެ. އަދި އެ ކަމަށް ޓަކައި އެ މަނިކުފާނުގެ ފަޚުރުވެރިވާ ފަދަ މަސައްކަތްޕުޅުތަކެއް ކުރެއްވިފައިވާ ކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުވައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައެވެ.

މިންތީގެ ހަމަކަމާ މެދު އެ މަނިކުފާނުގެ ހިތްޕުޅުގައި ވަރަށް ބޮޑު ގަދަރާއި އިޙްތިރާމެއް ވަނީ ދެއްވައިފައެވެ. އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅަކީ އެ މަނިކުފާނުގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރެވިފައިވާ ތަނަކަށް ހެއްދެވިފައި ވުމެވެ.

އަޅުގަނޑުގެ އޮފީސް ޖެންޑަރ ބެލެންސް ކޮށްދޭނެ ކަމުގެ ވަޢުދު އަޅުގަނޑު ވަނީ ހިފަހައްޓައިފައި. މި ގޮތުން އަޅުގަނޑުގެ މުވައްޒަފުންގެ 55 އިންސައްތައަކީ އަންހެނުން ކަމުގައި ދަންނަވަން"

މީގެ އިތުރުން މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް، އދ.ގެ އާންމު މަޖިލީހުގެ ރައީސަށް ލަފާދެއްވަން މިންތީގެ ހަމަހަމަކަމުގެ މައްޗަށް ސްޕެޝަލް އެޑްވައިޒަރެއް ހަމަޖައްސަވައިފައިވާކަން އެ މަނުކުފާނު އުފަލާ އެކު ފާހަގަކުރައްވައެވެ. މިއީ އދގެ ތާރީހުގައި ވެސް މިންތީގެ ހަމަހަމަކަމުގެ މައްޗަށް ސްޕެޝަލް އެޑްވައިޒަރެއް އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. އެ ކަމަނާ މަސައްކަތްޕުޅު ކުރައްވަނީ މިނިސްޓަރ ޝާހިދުގެ އަލިވިލުމުގެ އުންމީދީ 5 ދޯދިތައް ހާސިލް ކުރަން ކުރެވޭ ހުރިހައި މަސައްކަތްތަކުގައި، އަދި އެހެނިހެން މެންޑޭޓުތައް ހާސިލް ކުރަން ކުރެވޭ މަސައްކަތްތަކާއި ބައްދަލުވުންތަކުގެ ތެރޭގައި އަންހެނުން ބާރުވެރިކުރެއްވުމަށާއި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ނައްތައިލުމަށް ހާއްސަ ފިޔަވަޅުތަކެއް ހިމަނާ ގާއިމްކުރުމަށެވެ.

އަޅުގަނޑު އިސްނަގައިގެން އެ ކަމަށް ތެދުވެ، އާ ހަރުފަތަކަށް ގެންދެވި، މިންތިއާ ބެހޭ އެޑްވައިޒަރީ ބޯޑު މިހާރު ވަނީ އިތުރަށް ފުޅާކުރައްވައިފައި ކަމުގައި ދަންނަވަން"،

އދ.ގެ އާންމު މަޖިލީހުގައި ދެއްވި ވަދާއީ ތަގުރީރުގައި ޝާހިދު ވިދާޅުވިއެވެ. މި ބޯޑުގެ މަސައްކަތްތައް ފުޅާކުރެވިފައިވަނީ މެންބަރު ގައުމުތަކާއި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ތަނބާއި، އދގެ ސެކްޓޭރިއަޓާއި، މަދަނީ ޖަމިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށްގެންނެވެ. މި ބޯޑުގެ މައި މެންޑޭޑަޓީ އދގެ އާންމު މަޖިލީހުގެ ރައީސަށް މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށާއި އަންހެނުންގެ ހާއްގުތައް ކުރިއެރުވުމަށް ލަފާދެއްވާ، އެހެނިހެން މެންޑޭޓުތައް ހާސިލް ކުރަން ކުރެވޭ މަސައްކަތްތަކާއި ބައްދަލުވުންތަކުގެ ތެރޭގައި އަންހެނުން ބާރުވެރިކުރެއްވުމަށާއި އަންހެނުންނަށް ހިއްސާ އިތުރުކުރުމަށް ހާއްސަ ސިޔާސަތުތަކެއް އެކުލަވައިލައި ކަނޑައެޅުމެވެ.

އދ.ގެ ޖެނެރަލް އެސެންބްލީއަށް ވަޑައިގަންނަވާ ބޭފުޅުން އެ ބޭފުޅުންގެ ތުއްޕުޅު ބޭފުޅުން ބޭތިއްބުމާއި ހުސްވަގުތުގައި އެ ތުއްޕުޅު ބޭފުޅުންނާ އެކު ވަގުތު ހޭދަކުރެއްވުމަށް ޓަކައި ޚާއްޞަކުރެވިފައިވާ ވެންޏެއް (ލެކްޓޭޝަން ރޫމް) އދ.ގެ ސެކެޓޭރިއަޓުގެ އެހީގައި އދ.ގެ ޖެނެރަލް އެސެންބްލީ މާލަމުގެ ފަހަތުގައި ވަނީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި ގާއިމު ކުރައްވައިފައެވެ. މުޅި ޖުމްލަ 9 ވެނި ވަނީ ގާއިމުކުރެވިފައިއެވެ. މީގެ ތެރެއިން، އެއް ވެންޏެއްގައި ގާއިމުކުރެވިފައި ވަނީ، އދ.ގެ އާންމު މަޖިލީހުގެ ތަޅުމުގެ ފަހަތުގައި ހާއްސަ ކުރެވިފައިވާ ސަރަހައްދެގައެވެ. މި ތަނަކީ އެސެންބްލީގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ދުވަސްވަރު އިތުރު ތާކަށް ނުގޮސް އެ ބޭފުޅުންގެ ތުއްޕުޅު ބޭފުޅުން ގޮވައިގެން ވަޑައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވައިފައިވާ ތަނެކެވެ.

މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ ތަޅުމުގައި އަދި ކޮންފަރަންސް ހޯލްގައި ހުރި ފާހަނާތަކުގައި އަންހެނުންނަށް ބޭނުންވާ ހާއްސަ ތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާ، އެމަނިކުފާނު ވަނީ އ.ދ.އަކީ ޢާއިލީ ރަޙްމަތްތެރި ތަނަކަން ހެދުމަށްޓަކައި މަސައްކަތްކުރައްވާފައެވެ. މި ފަދަ އިސްނެންގެވުންތަކަކީ ވަޒީފާގެ މާހައުލުގައި އަންހެންނުންނަށް ހުރި ގޮންޖެހުންތައް ނައްތައިލައި ވަޒީފާގެ މާހައުލުގައި އަންހެނުން މަސައްކަތްކުރުމަށް ފަހި މާހައުލެއް ބިނާ ކުރެއްވުމަށް ކުރައްވައިފައިވާ ފާހަގަކޮށްލެވޭ ނަމޫނާ މަސައްކަތްޕުޅެކެވެ.

ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ މަސައްކަތްޕުޅު ކުރައްވައިފައެވެ. އެ ގޮތުން ސިޔާސީ މައިދާނުގައި އަންހެނުންނަށް ކުރާ ގަނާ ހުއްޓުވުމަށް ޓަކައި އަޑުއުފުއްލެވުމުގެ ގޮތުން މި އަހަރުގެ މާރިޗު މަހުގައި ޚާއްޞަ އިހްތިފާލެއް ވަނީ ބާއްވައިފައެވެ.

އެއީ އަންހެނުންނަށް އަމާންކަމާއި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ޝާމިލުވުން އިތުރުކުރުމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، މާނަ ހުރި ގޮތެއްގައި އެ މައިދާނުގައި ކުރިއަށް ދެވޭނެ ގޮތްތައް މަގުފަހިކޮށްދިނުމު މަގުސަދުގައެވެ. މީގެ އިތުރުން އަންހެނުންނަށް ކުރާ ފުރައްސާރަ އެއްކޮށް ނައްތައިލުމަކީ އެންމެ މުހިންމު ކަމެއް ކަމަށް އެ މަޖިލީހަށް ވަޑައިގެންނެވި ވަޒީރުންނާއި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވެސް ދެކެވަޑައިގަންނަވައެވެ.

އަޅުގަނޑު ބައްދަލުކުރިން ނުހަނު ކާމިޔާބު އަންހެންވެރިންނާއި، އަނިޔާ ލިބިފައިވާ ފަރާތްތަކުން ފެށިގެން އެކްޓިވިސްޓުންނާ ހަމައަށް، ސައިންޓިސްޓުންފެށިގެން ނޯބެލް އިނާމު ޙާޞިލުކޮށްފައިވާ މީހުން ވެސް ހިމެނޭ! އަދި އަޅުގަނޑު މަސައްކަތް ކުރީ، އެ ބޭފުޅުންގެ މަސައްކަތަކަށް އެއްބާރުލުން ދީ، އެ ބޭފުޅުންގެ މެސެޖް އުފުލައިދިނުމަށް ޓަކައި!" ޝާހިދު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން މިންތީގެ ހަމަހަމަކަމުގެ މައުޟޫޢަށް ވާހަކަ ދައްކާއިރު، އަޅުގަނޑު ކުރިން ގޮވާލި ގޮވައިލުން ހަމަ ތަކުރާރުކޮށްލަން. އާދެ! އ.ދ.ގެ ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކީ ބޭކަނބަލެއްކަން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވާށޭ ދަންނަވާލަން"

އަދި 'ޔޫއެން ވިމެން' އާ ގުޅިގެން، ޔޫ.އެން.ޖީ.އޭ ޕްލެޓްފޯމް އޮފް ވިމެން ލީޑަރސް ވެސް އަޅުގަނޑުމެން ވަނީ އިފްތިތާޙު ކޮށްފައި. އ.ދ.ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންސްޓިޓިއުޝަނަލައިޒް ކުރެވިގެން ކޮންމެ އަހަރަކު ވެސް ޤައުމުތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވާ ޚާއްޞަ ބައްދަލުވުމެއް މި ހައި-ލެވެލް ހަފްތާގެ ތެރޭގައި ބޭއްވުމަށް ވަނީ އެ މަނިކުފާނުގެ ދައުރުގައި ހަމަޖައްސާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް، ރާއްޖޭގެ ޚާރިޖީ ވަޒީރު އޮންރަބަލް ޢަބްދުﷲ ޝާހިދު އެ މަނިކުފާނުގެ ޒަޢާމަތުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ޝުކުރުވެރިކަމާ އެކު ފާހަގަކުރަމެވެ. ޚާއްޞަކޮށް ކޮވިޑް 19ގެ އާލަމީ ވަބާގައި ދެ އަހަރަށް ވުރެ ގިނަ ދުވަސްތަކެއް އަޅުގަނޑުމެން ހޭދަކުރަމުން ގޮސްފައިވާ މި ފަދަ ދަނޑިވަޅެއްގައި އެއް އަހަރުގެ ޒަޢާމަތުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރައްވައި އުސް ކުރިބޯށްޓާ ހަމައަށް ވާސިލުވެވަޑައިގަތުމަކީ ހަޤީގަތުގައި ވެސް ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.