ޚަބަރުރިޕޯޓް

ޝާހިދުގެ އުންމީދުގެ ރިޔާސަތުން ހާސިލްވީ ކޮންކަމެއް!

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 13 ގައި ދުނިޔޭގެ ސަމާލުކަން ހުއްޓެނީ އދ ގެ އާންމު މަޖިލީހަށެވެ.

މިދިޔަ އަހަރު އެ ސަމާލުކަން ހުއްޓުނީ ކުޑަކުޑަ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު، އާންމު މަޖިލީހުގެ  76 ވަނަ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމުންނެވެ. 1984 ވަނަ އަހަރު ފޮރިން މިނިސްޓްރީގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ޝާހިދަކީ، ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ އާއި އިންޓަނޭޝަނަލް ރިލޭޝަންސްގެ  ދާއިރާއިން މާސްޓާރސް ހާސިލުކުރައްވާފައިވާ  ހާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގެންނެވީ "ޕްރެސިޑެންސީ އޮފް ހޯޕް" ގެ ވަރުގަދަ ޝިއާރާއި އެކު ފާހަގަކޮށްލެވޭ ބޮޑު ބަދަލެއްގެ ގެންނެވުމުގެ އަޒުމު އާކުރައްވަމުންނެވެ. ޝާހިދު އެމަގާމާއި ހަވާލުވެވަޑައިގެންނެވުން ވީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ އޮތް ހިސާބު އަންގައިދިން މުހިންމު އަދި ތާރީހީ ކަމަކަށެވެ.  އދގެ އާންމު މަޖިލީހަކީ ދުނިޔޭގެ މުއްސަނދި އަދި ބާރުގަދަ ބައެއްގެ 'ކުލަބެއް' ގެ ގޮތުގައި އޮތް އޮތުން ނިންމެވީ ޝާހިދެވެ.

ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވީ ދެ ސަރުކާރުގައި ހާރިޖީ ދާއިރާއިން ހޯއްދަވާފައިވާ ތަޖުރިބާގެ އަލީގައެވެ. ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ވެރިކަމުގައި 2007 ން 2008 އަށް ޝާހިދު ހުންނެވީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ މަގާމުގައެވެ. އަދި 2018 އިން ފެށިގެން އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ވަޒީރެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ދައުރު އަދާކުރެއްވުމަކީ، ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ތަމްސީލުކުރައްވާ ދުނިޔޭގެ ގައުމުތަކާއި އެކު ރާއްޖޭން  ދެމިއޮތުމަށް ޝާހިދު ކުރައްވާ މަސައްކަތްޕުޅަށް އިތުރުވި ބޮޅެކެވެ.

އޭޝިއާ ސަރަހައްދުން އދ ގެ އާންމު މަޖިލީހަށް ރައީސަކު ކަނޑައެޅުމަށް ނެގި ވޯޓު ޝާހިދު ކާމިޔާބު ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާނީ ރަސޫލް އާއި ވާދަކުރައްވާ 143 މެންބަރު ގައުމުގެ ތާއީދާއެކުގައެވެ.

ޝާހިދު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އދ ގައި ޒުވާނުންގެ އަޑު ގަދަކުރުމަށް އެ ފުރުސަތު ޒުވާނުންނަށް ހޯއްދަވާދެއްވުމަށް ވަކާލާތު ކުރެއްވިއެވެ. އަދި މިންތީގެ ހަމަހަމަކާއި  ވަކި ޖިންސަކަށްވީތީ ގެންގުޅޭ ތަފާތުކުރުންތައް ނައްތާލެއްވުމަށް މަސައްކަތްފުޅު ކުރައްވާ އެކަމުން ނަތީޖާ ހާސިލް ކުރެއްވިއެވެ.  ދެ ޖިންސު ހަމަހަމަ ނުވާގޮތަށް ރާވާފައިވާ އެއްވެސް ޕެނަލެއްގައި އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުންމީދުގެ ރިޔާސަތު 

މިންތީގެ ހަމަހަމަކަން، އަންހެނުން ކުރިއެރުވުން، ޒުވާނުން ބާރުވެރި ކުރުވުން، ރާއްޖޭގެ ހާރިޖީ ދާއިރާ އާ އުސްމިންތަކަށް ގެންދިއުން، މިއީ ޝާހިދުގެ އުންމީދީ ރިޔާސަތު ބިނާކުރެއްވި ހަތަރު އަސާސްއެވެ.

އިއްޔެ އާންމު މަޖިލީހަށް އަލްވަދާއު ވިދާޅުވިއިރު މި ހަތަރު ކަންތައް ހާސިލުކުރެއްވުމުގައި ޝާހިދު ކުރި ހޯއްދެވިކަން އިއްޔެގެ ޖަލްސާގައި އދ ގެ ލީޑަރުން ފާހަގަ ކުރެއްވިއެވެ.

އދ ގެ ސެކެއްޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެ ވަނީ ޝާހިދަށް ތައުރީފު ކުރައްވާފައެވެ. އާންމު މަޖިލީހަށް ޝާހިދު ގެންނެވި މިންތީގެ ހަމަހަމަ ކަމުގެ ތަސައްވަރަށް ސެކެއްޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ތައުރީފު ކުރެއްވިއެވެ.

އަބުދުﷲ ޝާހިދުގެ ލީޑަރޝިޕްގެ ސަބަބުން ހުރިހާ މެންބަރު ގައުމުތަކަށްވެސް ވަރަށް ބޮޑު ފައިދާއެއް ކޮށްފި ކަމަށާއި، ޝާހިދު އެ މަގާމާއި ހަވާލުވެވަޑައިގެންނެވި އިރު ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށް ގުޓަރޭސް ފާހަގަ ކުރެއްވިއެވެ.

ގުޓަރޭސް ވިދާޅުވީ ޝާހިދު އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާއި، ކާބޯތަކެތީގެ މިންވަރު ދަށްވެ  ގްލޯބަލް ރިސެޝަން އަކަށް ދިއުމުގެ ހިޔަނި ހެޅިފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. އަދި ކޮވިޑް19 ޕެންޑަމިކާއި މަންކީ ޕޮކްސްގެ ސަބަބުން ކުރިމަތިވި އިމަޖެންސީ އާއި، ދުނިޔެ ހޫނުވާމިންވަރު އިންތިހާއަށް އިތުރުވުމާއި، ފެންބޮޑުވުމާއި ގަދުރަތީ ކާރިސާތައް ދުނިޔެއަށް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ.

މި ހުރިހާ ގޮންޖެހުންތަކަށް އެއްއަހަރުތެރޭގައި އާންމު މަޖިލީހުން އެޑްރެސް ކުރެއްވި ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ޝާހިދު އާންމު މަޖިލީސް ހިންގެވީ ހިކުމަތްތެރިކަމާއެކުގައިކަން ގުޓަރޭސް ފާހަގަ ކުރެއްވިއެވެ. އަދި ޝާހިދުގެ ދުރުވިސްނުފުޅާއި އެކު އާންމު މަޖިލީހަށް ގެންނެވި، މިންތީގެ ހަމަހަމަ ކަމުގެ އާ ތަސައްވަރާއި، ކުޑަ ގައުމެއްގެ ނަޒަރުން މޫސުމީ ބަދަލުތާއިމެދު ދެކޭ ތަފާތު ގޮތް ފާހަގަ ކުރައްވާ އެކަންކަމަށްވެސް ގުޓަރޭސް ތައުރީފު ކުރެއްވިއެވެ.

އދ ގެ ކޮމަން އެޖެންޑާގެ ފުރަތަމަ އަހަރު ޝާހިދު ދެއްވީ އަގުނުކުރެވޭފަދަ ސަޕޯޓެއް ކަމަށާއި، މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް މަގުފަހިކޮށްދެއްވާ، ކުރިއެރުންހޯދޭނެ މަގު ޝާހިދު ފަހިކޮށްދެއްވި ކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

ގުޓަރޭސް ވިދާޅުވީ ޝާހިދުގެ "ޕްރެސިޑެންސީ އޮފް ހޯޕް" ހަމަ އެ އާއި އެއްގޮތަށް ފޯރުކޮށްދެއްވި ކަމަށެވެ. އަދިދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ހުރިހާ މެންބަރު ގައުމުތަކުން އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

ޝާހިދު ގެންގުޅުއްވި ތަސައްވަރާއި ވަރުބަލިކަމެއް ނެތި އދ އަށް ކޮށްދެއްވި ބުރަ މަސައްކަތްޕުޅަށް އދ ގެ ސެކެއްޓްރީ ޖެނެރަލް ގުޓަރޭސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝާހިދުގެ ދައުރު ނިންމަވާލެއްވީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އަޑު ގަދަކުރައްވާފައެވެ. ޝާހިދު ވިދާޅުވީ ދިވެހިން މިވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު ހޯދާފަ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު ގެނެސްދެއްވި އުންމީދު ރިޔާސަތަކީ މުޅި ދުނިޔެއަށް ފައިދާވާނެ ތާރީހީ ނިންމުންތަކެއް ނިންމެވި ރިޔާސަތެއް ކަމަށެވެ.

އާންމު މަޖިލީހުގެ ރިޔާސަތުގައި ހޭދަކުރެއްވި އެއް އަހަރުގެ ތެރޭގައި ޝާހިދު ވަނީ 650 އަށްވުރެ ގިނަ ބައްދަލުވުން ބާއްވާފައެވެ. އެ ބައްދަލުވުންތަކުން ހިޔާލުތައް ހޯއްދަވާ ފުޅާދާއިރާއެއްގައި ކަންކަން ބަލާ ކޯޑިނޭޓް ކުރެވޭނެ މަގު ފަހިކޮށްދެއްވުމުގެ އިތުރުން ޝާހިދު ވަނީ ފެންޑަމިކްގެ ފަހުން ފުރަތަމަ ފަހަރަށް މުޖުތަމައުން ބައިވެރިވުމަށް އދ ގެ އާންމު މަޖިލީސް ހުޅުވާލަދެއްވި އެވެ.

ފުރަތަމަ ފަހަރަށް "ހޮޅުއަށި ޑައިލޮގް" ތަޖުރިބާކާރު ބޭފުޅުންނާއި އެކު 'ޑިޕްލޮމެސީގައި އަންހެނުން' މި މައުލޫއަށް މަޝްވަރާ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި މައްސަލަތައް ދިމާވެފައިވާ ވަގުތެއްގައި ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި އަދި ޔޫކްރެއިންގައި ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގައި އދ ގެ 193 ގައުމު އެއްބަސް ކުރުވާ އެއް އަމާޒަކަށް ގެންދެވުމުގައި ޝާހިދު ވަނީ ތާރީހީ ކާމިޔާބެއް ހޯއްދަވާފައެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %