އެންމެ ހަރުދަނާކޮށް ކައުންސިލްތައް ހިންގުމަށްޓަކައި، ކައުންސިލްތަކަކީ މިހާރަށް ވުރެ ފުދުންތެރި ކައުންސިލްތަކަކަށް ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަން ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ މައުޟޫޢަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއެކު ޕެނަލްގައި، މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ޢަލީ ޝިޔާމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ޢަލީ ނިޔާޒް އަދި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ، ފާޠިމަތު އަފްޝާން ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިކަމަށް އަލިއަޅުވާލެއްވުމުގެ ބޭނުންފުޅަކީ، ކައުންސިލްތަކަށް އާމްދަނީ ހޯދިދާނެ ގޮތްތަކާއި ކައުންސިލް މެދުވެރިވެގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިދާނެ ކަންކަމާއި މެދު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އެކު އިތުރަށް މަޝްވަރާކުރެއްވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިޞްލާޙާއި އެކީގައި، ސަރުކާރުން ޙާޞިލްކުރަން ބޭނުންވި އެންމެ މުހިއްމު ކަމަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައި، އޭގެ ޒާތުގައި އަމިއްލައަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދެއްވުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް ، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުކުރެވެމުން ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަކަންތައްތަކެއް އެބަހުރި ކަމަށާއި، މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި، މިހާރަށްވުރެ ވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ %5 ކަމަށާއި، އޭގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ %40 ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް އިންތިޒާމް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ފަހުން އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައިވެސް އަދި މި ކޮންފަރެންސްގައިވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ، މާލީ ގޮތުން ހުރި ދަތިތަކާއި ގުޅޭ ގޮތުން ކަމަށެވެ. އަދި މިކޮންފަރެންސް ނިމިގެންދާއިރު ބިނާކުރެނިވި މުހިއްމު ވާހަކަތަކެއް ދެކެވި މަޝްވަރާކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިސެޝަންގައި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށާއި، އަދި ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތް ތަކާއި ގުޅޭ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުންނާއި، މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ޕްރެޒެންޓޭޝަންތައް ހުށައަޅުއްވާފައެވެ.

މީގެ އިތުރުން، ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ކުރިން، ކުރިޔަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކައުންސިލަރުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށްވެސް ވަނީ، ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައިފައެވެ. މިޕްރެޒެންޓޭޝަންގައި ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި، އެކަންކަން ޙައްލުކުރުމަށް ބޭނުންވާގޮތްތައް ވަނީ ހިމެނިފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ކުރިޔަށް ދާއިރު، މިއަދު މިކޮންފަރެންސް ނިމޭނެއެވެ. މިކޮންފަރެންސްގެ އެންމެ ފަހު ސެޝަންގައި، މަޝްވަރާކުރެވޭނީ، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.