ރާއްޖޭގެ އިގްތިސާދު މެނޭޖްކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އިގްތިސާދު މެނޭޖްނުކުރެވޭނެ ކަމުގެ އެއްވެސް ހާސްކަމެއް ނެތްކަމަށެވެ.
ދަރަނީގެ ގޮތުގައި 250 މިލިއަން ޑޮލަރު ހޯދުމަށް މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ. މިހާތަނަށް އައިއިރު 150 މިލިއަން ޑޮލަރު ހޯދާފައިވާއިރު ބާކީ 100 ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.
އެފައިސާ ނުލިބިއްޖެ ހާލަތުގައި ދެން އަމަލުކުރާނީ ކިހިނެއްތޯ ސުވާލުކުރުމުން މިއުވާން ވިދާޅުވީ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން ވުޒާރާތައް ގުޅިގެން ކުރަމުންދާނެކަމަށެވެ. ފައިސާ ނުލިބިއްޖެނަމަ ދެން އަމަލުކުރާނެ އެހެން ގޮތްތައްވެސް މިނިސްޓްރީން ބަލާފައިވާނެކަމަށް މިއުވާން ވިދާޅުވިއެވެ.
ކޮވިޑްގެ ތެރޭގައިވެސް އަދި އޭގެ ފަހުންވެސް އިގްތިސާދާއި މާލީ ނިޒާމް ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ކުރެވޭނެކަމަށް މިއުވާން ވިދާޅުވިއެވެ.