ސަސްޕެންޑްކޮށްފައިވާ ޚަތީބުގެ މައްސަލަ ބަލަނީ ވަކި ބަހުރުވައަކުން ޚުޠުބާކިޔުމުގެ މައްސަލައަކަށްވުރެ ބޮޑަށް، ހުކުރު ޚުޠުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގެޒެޓް ކޮށްފައިވާ "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު" އާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ޚަޠީބަކު ހުކުރު ޚުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން ވަގުތީ ގޮތުން، އެ ޚަޠީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫ ސިޓީގެ ޚުޠުބާ ކޮމިޓީއިން ވަނީ ނިންމާފައެވެ. މިއުސޫލުގެ ދަށުން ޚުތުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.
މިމައްސަލަ ބަލައި ނިންމުމަށްފަހު އައްޑޫ ސިޓީގެ ޚުތުބާ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް މިއަދު ލިބޭނެއެވެ.
މައުލޫމާތުލިބޭ ގޮތުގައި މިދިޔަ ހަފްތާ ސ. މީދޫ މަސްޖިދުލް މަޖުދުއްދީނުގައި މުދިމުކަން ކުރާ މުހައްމަދު ރަޝީދު ހުކުރު ހުތުބާ ދީފައިވަނީ އައްޑޫ ބަހުރުވައިންނެވެ. އަދި ބައެއް ބަސްތައް ކިޔުމުގައި އެންމެ އާދައިގެ ދަރަޖައިން ބަސްތައް ކިޔުމުން ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށްވެސް މައުލޫމާތުލިބެއެވެ.