ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވާފައިވަނީ ގާނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކުވާކޫ އަސޫމާ ޝެރަމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ބޭއްވެވި ޚައްސަ ރަސްމިއްޔާތުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ގާނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާ ގާނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ، ތެއްތިރީސް އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި ކުރިޔަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ގާނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ގާނާގެ އާ ސަފީރުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ޤައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ޤައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވޭ ސިނާޢަތަކަށް ހެދުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދެބޭފުޅުން ވަނީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ދިވެހިރާއްޖެއާ ގާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1989 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.