މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ކޮންގްރެސް މިމަހު 23 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ކޮންގްރެސްގް މައުލޫމާތު ހިއްސާކުރައްވާ އެޕާޓީގެ ތަރުޖަމާން އަދި ނާއިބު ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ މިކޮންގްރެސްއަކީ މިހާތަނަށް ޕާޓީއަކުން ބާއްވާ އެންމެ އިންތިޒާމް ރަނގަޅު، އެންމެ ފުރިހަމަ ކޮންގްރެސްއަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޕާޓީގެ ފުރަތަމަ ކޮންގްރެސް ކުރިއަށް ގެންދާނީ "ދަ ނެޝަނަލް ކޮންވެންޝަން 2022"ގެ ނަމުގައެވެ. ކޮންގްރެސް ކުރިއަށްދާނީ ތާޖުއްދީން ސްކޫލްގައެވެ.
23 ވަނަ ދުވަހު ކޮންގްރެސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު، މައިގަނޑު މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 24 ވަނަ ދުވަހުއެވެ. އެގޮތުން 24 ވަނަ ދުވަހު އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމާއި އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ބައެއް މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުންވެސް ކުރިއަށް ގެންދާނެއެވެ. ޕާޓީގެ ޕްރައިމަރީ ބާއްވާނެ ތާރީހެއްވެސް ކޮންގްރެސްގެ ތެރެއިން ކަނޑައެޅިގެންދާނެ ކަމަށް ޕާޓީން ބުނެއެވެ.
ކޮންގްރެސްގައި ޕާޓީގެ ގޮފިތަކުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެކި ކޮމެޓީތަކުގައި ތިބި އާންމު މެމްބަރުންވެސް ބައިވެރިވެލައްވާނެކަމަށް ޕާޓީން ބުނެއެވެ.