މަމްސް ކެއާ ލިސްޓުގައި ހިމެނޭ 4 ވަނަ އާއިލާއަށް މަމްސް އެންޖީއޯއިން ބޯހިޔާވަހިކަން ފޯރުކޮށްދީ އާއިލާއެއްގެ ނިކަމެތި ދިރިއުޅުން އުޖާލާކޮށްދީފިއެވެ.

މިއަހަރުގެ ރޯދަމަހުން ފެށި ފަންޑް ރައިޒިން ޕްރޮގްރާމަކުން އާންމުންގެ ފަރާތުން ލިބުނު ދީލަތި އެހީއާއި އެކު މަމްސް އެންޖީއޯއިން ވަނީ 7 ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ އެއްކޮށްފައެވެ.

މަމްސް އެންޖީއޯއިން މިފަހަރު އެހީތެރިވެދިން އާއިލާއަކީ ގދ ތިނަދޫ ފަރީޝާގެ އާއިލާއެވެ.

މަމްސް އެންޖީއޯއިން ބުނީ ފަރީޝާގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު ވަރަށް ގިނަ ފަރާތްތަކާއި ވާހަކަ ދައްކައިގެން މަމްސްގެ މާލެ އަދި ތިނަދޫ ޓީމުން އެ ކެތްތެރި މަންމަ އާއި 3 ކުދިންނަށް ދިރިއުޅޭނެ ގެއެއް ނިންމައިދިނުން މަސައްކަތް ފެށީ ރޯދަމަހު ކަމަށެވެ. އަދި އެންމެ 15 ދުވަސް ތެރޭގައި ފަންޑް ލިބުނު ކަމަށާއި، އެތައް ބައިވަރު ވިޔަފާރިތަކުން ސްޕޮންސާރ ހޯދަން މަސައްކަތް ކުރި ކަމަށެވެ.

މަމްސްގެ ޕްރޮގްރާމް ޑައިރެކްޓަރ ފާތުމަތު އުމްރާ ވިދާޅުވީ މަމްސް އެންޖީއޯ އަކީ ހުސް މަންމައިން ހަރަކާތްތެރިވާ ޖަމްއިއްޔާއަކަށް ވުމުން، މިކަހަލަ ބޮޑު ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުން ވެގެންދިޔައީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށެވެ. އެހެންނަމަވެސް މަމްސް ޓީމްގެ ހުރިހާ އެންމެންގެ ހިތްވަރާއެކު ކުރީގެ ތަޖްރިބާއިން މި ޕްރޮޖެކްޓް ނިންމާލެވުނު ކަމަށެވެ.

ތިނަދޫގައި އިމާރާތް ކުރާ ފަރާތްތަކާއި ވާހަކަދައްކައިގެން  ވަރަށް ދީލަތި ފަރާތެއްގެ އެހީއާއެކު ފަރީޝާގެ އަމިއްލަ ބިމުގައި ރާނަން ފަށާފައި ހުރި ގެއެއް 2 މަސްދުވަހުގެ ތެރޭގައި ނިިންމާލެވުނު ކަމަށް މަމްސް އެންޖީއޯއިން ބުނެއެވެ.

ސްޓްރަކްޗަރަށް ގެންނަށް ޖެހޭ ބަދަލުތައް ގެނެސް ގެ އިމާރާތްކޮށް ނިންމާ، ކަރަންޓް ވައިރިން ނިންމާ ސީލިންގްކޮށް ފާރުތަކުގައި ސިމެންތި ޖަހާ ކުލަ ލާ، ބަދިގެއާއި ކޮޓަރިތަކާއި ފާހާނާތައް ތަށިމުށި ޖަހާ ޒަމާނީ ފެންވަރަށް އެ ގެ ވަނީ ތަރައްގީކޮށްފައެވެ.  މަމްސް އެންޖީއޯގެ ފަރާތުން ވަނީ އެގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރާއި ބަދިގޭ ސާމާނުވެސް ހޯދައިދީފައެވެ. އާންމުންގެ ދީލަތި އެހީއާއި އެކު މަމްސްއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮޖެކްޓް ނިންމާލީ ފަރީޝާއާއި ކުދިންނަށް އަންނައުނުވެސް ހޯދައިދީފައިވެއެވެ. އަދި ކުދިންނަށް ފޮތާއި ކުޅޭ ސާމާނު ހޯދައިދީފައެވެ.

ފަރީޝާގެ އާއިލާއިން ގެއަށްވަން މަންޒަރަކީ ފަރީޝާއާއި ކުދިންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔަ ވަރަށް ހިތްހަމަޖެހޭ މަންޒަރެއް ކަމަށް މަމްސްއިން ފާހަގަ ކުރެއެވެ. 

މި ފަހަރު މަމްސްއިން ގެދޮރު ހޯދައިދިން އާއިލާއަކީ ބައްޕަގެ ލޯބިން މުޅި އުމުރަށް މަހުރޫމުވެފައިވާ ކުޑަ 3 ފިރިހެން ކުދިން ބަލަހައްޓަމުން އައި އެކަނިވެރި މަންމައެކެވެ.

މަމްސް އިން ބުނީ އެ ކުދިންނަކީ މުޖުތަމައުތެރެއިން ބާކީކޮށްލެވިފައި ތިބި ކުދިބައެއް ކަމަށް ފާހަގަަ ކުރެވުނު ކަމަށެވެ. އަދި އެ މަންމަ އަކީ 9 އަހަރު ވަންދެން ވަރަށް ނިކަމެތިކޮށް އުޅެން ޖެހުނު މައެއް ކަމަށާއި، މަސްތުވާތަކެތި ބޭނުން ކުރާ ބޭބެއަކާއި އެއްގެއެއްގައި އުޅެން ޖެހުން ވެގެން ދިޔައީ އެ އާއިލާއަށް ވަރަށް އުނދަގޫވި ކަމެއް ކަމަށް އޭނާ ވަނީ މަމްސް އެންޖީއޯއަށް ފަރީޝާ ކިޔައިދީފައިވާ ކަމަށެވެ.

ކުރީގެ ފިރިމީހާ އޭނާ ވަރިކޮށްލީ ދަރިފުޅު ވިހައިގެން ހޮސްޕިޓަލްގައި އޮއްވާ ކަމަށާއި، ފަހުން ކައިވެނި ކުރި މީހާގެ ފުށުން 7 މަހުގެ ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ލިބެން ފެށުމުން ފަރީޝާ އިތުރަށް ނިކަމެތިވި ކަމަށް އޭނާ ބުނެފައިވެއެވެ. އެކަމުން ސަލާމަތް ވުމަށް އަނެއްކާވެސް ދިރިއުޅުން ބަދަލުކުރީ މަސްތުވާތަކެތި ބޭނުން ކުރާ ބޭބެ ދިރިއުޅޭ ގެއަށެވެ. ބޭބެފެ ނުފޫޒާއި ރުޅީވެރިކަން ތަހަމްލްކޮށްގެން އުޅުނު މި އާއިލާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް މަމްސް އިން ބުނެއެވެ.

ކުދިންގެ ހަރަދުތައް ހަމަޖައްސަން ފަރީޝާ ވަޒީފާއަކަށްވެސް ދިޔަ ކަމަށާއި އެހެންނަމަވެސް ފަރީޝާގެ ދިރިއުޅުން ވަރަށް ނިކަމެތިކަމުން އަރައި ނުގަނެވުމުން މަމްސް އިން މިވަނީ އިންސާނިއްޔަތަށްޓަކާއި ލޯތްބާއި ހަމްދަރްދީއާއި އެކު ފަރީޝާގެ ދިރިއުޅުން ޒަމާނީ ފެންވަރަށް ބަދަލުކޮށްދީފައެވެ.

މަމްސް އެންޖީއޯއިން އަންނަނީ ކޮންމެ އަހަރަކުވެސް މިފަދަ ނިކަމެތި އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އެހީތެރިވެދެމުންނެވެ. އެގޮތުން މިހާރު މިވަނީ މީގެ 4 ވަނަ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

0
0
0
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.