އެމެރިކާގެ އާޓިމިސް. ހަނދުގެ މިޝަން ފެށުމަށް މި ރޮކެޓް އުދުއްސާލާނީ ހޮނިހިރު ދުވަހު

އެމެރިކާގެ ސްޕޭސް އެޖެންސީން ހަނދަށް ފޮނުވަން މަސައްކަތް ކުރާ ރޮކެޓް 'އާޓިމިސް' އަންނަ ހޮނިހިރު ދުވަހު އުދުއްސާލާނެ ކަމަށް ނާސާއިން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު ޖައްވަށް ފޮނުވާލަން މަސައްކަތް ކުރި އެ ރޮކެޓް އުދުއްސާލުން މަޑުޖައްސާލަން ޖެހުނީ އޭގެ ހަތަރު އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި ހުންނަން ޖެހޭ ޓެމްޕަރޭޗަރާއި އެއްވަރަށް އޭގެ ފިނިހޫނުމިން ނުހިފެހެއްޓުމުގެ ސަބަބުންނެވެ.

އިންޖީނަށް ދިމާވި މައްސަލަ ބެލުމަށްފަހު އިންޖިނިއަރުންނަށް ދެނެގަނެވިފައިވާ ކަމަށް ނާސާއިން ބުނެއެވެ. އަދި ހޮނިހިރު ދުވަހުގެ ކުރިން އިންޖީނު ފިނިކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެއެވެ.

ހަނދަށް ފޮނުވަން މަސައްކަތް ކުރާ ރޮކެޓްގެ އިންޖީނުތައް - ފޮޓޯ: ނާސާ

ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން 'އާޓިމިސް' އުދުއްސާލުމަށް ހަމަޖެހިފައިވަނީ އެމެރިކާ ގަޑިން 14:17 ގައެވެ. މި ރޮކެޓް އުދުއްސާލުމަށް ބޭނުންކުރާ ނާސާގެ ސްޕޭސް ލޯންޗިން ސިސްޓަމް (އެސްއެލްއެސް) އަކީ އެމެރިކާއިން 1960 އާއި 70 ގެ އަހަރުތަކުގައި ހަނދަން އިންސާނުން ފޮނުވުމަށް ބޭނުންކުރި ޖައްވީ އުޅަނދުތައް އުދުއްސާލި އެސްއެލްއެސް އާއި އެއްވަރުގެ އެހެންނަމަވެސް އެއަށްވުރެ ޒަމާނީ ސިސްޓަމެކެވެ.

އެސްއެލްއެސް އިން އޯރިއޮންގެ ނަންދީފައިވާ ބޮޑު ކުރޫ ކެޕްސޫލެއްވެސް ހަނދަން ފޮނުވާނެއެވެ. އާޓިމިސް ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ އޮތް މިޝަންއަކީ ހޮނިހިރު ދުވަހު ކުރޫއަކާއި ނުލާ އާޓިމިސްގެ ނަންދީފައިވާ ރޮކެޓް އުދުއްސާލުމެވެ.

ނާސާއިން ބުނީ އަނެއްކާވެސް ހަނދަން ދިއުމަށް ކުރާ މި މަސައްކަތަކީ މާސްއަށް ދެވޭނެ މަގެއް ހޯދުމަށް އަޅާ ނަގާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެހެންނަމަވެސް ދިރާސާކާރުން ބުނާ ގޮތުގައި އަދި ހަނދުގައި ކުރަންޖެހޭ ބައެއް މަސައްކަތް ނުނިމި އެބަހުރި ކަމަށާއި، ހަނދުގެ ހަގީގަތްތައް ސައިންސްގެ އަލީގައި ދެނެގަތުމުގެ މަސައްކަތް އަދި ކުރިޔަށް ގެންދަން ޖެހޭ ކަމަށް ނާސާއިން ބުނެއެވެ.

އާޓިމިސްގެ ފުރަތަމަ މިޝަން ކާމިޔާބުވެއްޖެނަމަ ނާސާއިން އިންސާނުން ހަނދަށް ފޮނުވާނެއެވެ. އަދި މާސްއަށް ދެވޭނެ މަގެއް ހޯދުމަށް ހަނދުގައި ދިރާސާތައް ކުރާނެ ކަމަށާއި، މާސްއިން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލާ އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް 'އާޓިމިސް' މިޝަންގައި މަސައްކަތް ކުރާނެ ކަމަށް ނާސާއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.