އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އަމިއްލަފުޅަށް ދުއްވަން "ފޭންސީ" ކާރެއް ހޯއްދަވަން ނޫންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވަނީ ރައީސް އޮފީހުން ކާރެއްގެ އަގު ބެލި މައްސަލައާއި ގުޅިގެން ރައީސް އޮފީހުން މީޑިޔާތަކަށް ދީފައިވާ ޖަވާބާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ދުއްވުމަށް ދެކާރެއްގެ އަގު ބެލި ކަމަށް މީޑިޔާތަކުން ރިޕޯޓްކުރުމުން ރައީސް އޮފީހުން ވަނީ އެއީ ރައީސްގެ ދެކަނބަލުން ބޭނުންކުރެއްވުމަށް އަގު ބެލި ކާރުތަކެއް ނޫންކަމަށް ބުނެފައެވެ. އަދި އެއީ މެއި 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހެދި ދިރާސާތަކާއި ރިޕޯޓްތަކުން ހުށައެޅި ހުށައެޅުންތަކަށް ބެލުމަށްފަހު ކުރި ކަމެއްކަމަށް ރައީސް އޮފީހުން ވަނީ މީޑިޔާތަކަށް މައުލޫމާތުދީފައެވެ.

ރައީސް އޮފީހުން މީޑިޔާތަކަށް ދިން ޖަވާބާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވާ މެމްބަރު ވަނީ ރައީސް ނަޝީދު އުޅުއްވަނީ ދުއްވާނެ "ފޭންސީ" ކާރާއި އަރިހުގައިހަށިފާރަވެރިންގެ ބޮޑު ފައުޖެއް ނުގެންގުޅެވިގެން ނޫން ކަމަށެވެ. އެކަމަކީ  ހެދިފައި ހުރި ގޯސްތަކަކާއި ހުރެ އަމާޒުވި ބޮޑު ހަމަލާއެއްގެ ސަބަބުން ދިފާއީ ބާރުންނާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަމަށް އެދުމުން ކުރަން ޖެހުނު ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ސިޔާސީ ކަމަކަށް ހެދުމަށް މަސައްކަތްކުރައްވާ، އެކާރަކީ ރައީސް ނަޝީދު ބޭނުންފުޅުވެގެން ހޯއްދަވާ އެއްޗެއްކަމަށް ދޭހަވާ ގޮތަށް ރައީސް އޮފީހުން އެވާހަކަ ދެއްކެވީތީ މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މިއީ ކުޅޭ ކުޅިވަރެއް ނޫން. މިބާވަތުގެ ކަންކަމަކީ ސިޔާސީ ގޮތުން ހަމަ އަނގަ ހޮކާލަން ވެގެން ދައްކާ ވާހަކައަކަށް ވެގެން ނުވާނެ"

ރައީސް އޮފީހުން ދެ ކާރެއް ގަތުމަށް އަގު ބަލާފައިވާކަމަށް ބުނެ އޮންލައިން ނޫހެއްގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެއިން ކާރެއް ރާއްޖެ ގެނައުމަށް ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ހޭދަވާނެކަމަށްވެސް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.