ރައީސް މ. ދިއްގަރު ކައުންސިލާއި ބައްދަލުކުރައްވަނީ

މިވެރިކަމުގައި ބާކީ އޮތީ އެއް އަހަރު ކަމަށާއި ސަރުކާރުން ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދިއްގަރަށް ވަޑައިގެން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ބައްދަލުކުރައްވައި ރައީސް ވަނީ  ކައުންސިލްތަކާއި އެކު މިގޮތަށް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ބޭނުންފުޅަކީ، ރައްޔިތުން އެންމެ ބޭނުންވާކަންކަން ބައްލަވައިގެން ތަރައްޤީއަށް ހިންގޭ މަޝްރޫއުތައް ތަރުތީބު ކުރެއްވުންކަމަށް ވިދާޅުވެފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ އެމަނިކުފާނަށް ދިއްގަރަށް ވަޑައިގެންނެވުނު 3 ވަނަ ފަހަރުކަން ފާހަގަކުރައްވައި، ދިއްގަރުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ދިއްގަރު ކައުންސިލާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުވުމުގައި ދިއްގަރު ކައުންސިލުން ވަނީ، މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމާއި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިއްގަރު ކައުންސިލުން ފާހަގަކުރެއްވި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިންގ މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމާއި، ދިއްގަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭމިންވަރު އިތުރުކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން އެރަށުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިއްގަރު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފައެވެ. މިވޮލީމެޗު ބެލުމަށް ދިއްގަރުގެ ވަރަށް ގިނައަދަދެއްގެ ރައްޔިތުން ހާޒިރުވިއެވެ. ރައީސުލްޖުމްހުރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ އެއަތޮޅު ވޭވަށަށާ، މުއްޔަށް ވަޑައިގަންނަވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *