ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއަދުގެ ސަރުކާރުން ކުރަމުންދަނީ ރައްޔިތުންގެ ވެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން މިކަމަށް ބޭނުންވެފައި ތިބި މިންވަރު ހާމަވެފައިވާ ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ސަރުކާރާއި ހިއްސާކޮށް މަޖިލީހާއި ކައުންސިލާއި ގުޅިގެން މިކަން ކުރެވޭނެ އިންތިޒާމް ރައްޔިތުން ހަމަޖައްސަދީފައިވާކަމަށް ރައީސް  ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ  ސަރުކާރާއި އެކީ އެއްވިސްނުމެއްގައި މަސައްކަތްކުރާނެ ބަޔަކު ތިބިނަމަ މަޝްރޫއުތައް ކުރިއަށްގެންދިޔުމުގައި ފަސޭހަވާނެ ކަމަށެވެ. ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް ކަންކަން ހުއްޓުވާ ދުއްތުރާ ކުރަން މަސައްކަތްކުރުމަކީ ހިޔާލު ތަފާތުވުމެއް ނޫންކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މ އަތޮޅުގެ ބައެއް ރަށްތަކަކީ ބިންތިރި އުދަ އަރާ އެކަމުގެ ގެއްލުން ފޯރާ ރަށްތަކެއްކަމަށް ވިދާޅުވިއެވެ.ދިއްގަރަކީ އެފަދަ އެއް ރަށަށް ވާއިރު ދިގުމުއްދަތަކަށް ރަށުގެ ރައްޔިތުންނަށް އެކަމުގެ ތަކްލީފްތައް ވަމުންދިޔަކަން ފާހަގަކުރެއްވިއެވެ.

"އިރުވައި މޫސުމުގެ ހަޅައިގައި ރަށުތެރެއަށް ފެން ވަންނަކަމުގެ ޝަކުވާތައް ކުރޭ. މިއީ މިރަށުގެ ރައްޔިތުން ކޮންމެ އަހަރަކު ތަހައްމަލުކުރާ ކަމެއް. އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްފަހު އުދައިގެ ސަބަބުން ވާ ގެއްލުމުން ރައްކާތެރިވާން މަސައްކަތްކުރޭ. އެކަމަކު އެކަމަށް ހައްލެއް ނާދޭ"

ކުރީ ސަރުކާރުތަކާއިވެސް މިކަމުގެ ކަންބޮޑުވުންތައް ރަށުގެ ރައްޔިތުން ހިއްސާކޮށްފައިވާކަމަށާއި އަދި އެކަން ހައްލުކޮށްދިނުމަށް އެސަރުކާރުތަކުން ވައުދުވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރާނެ ގޮތުގެ  ޕްލޭންތައް ވެސް ދައްކާނެ ކަމަށާއި ކޮންމެ އިންތިހާބަކާއި ދިމާކޮށް އާ ޕްލޭނެއް ރައްޔިތުންނަށް ހުށަހަޅާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ދުވަސްވީ އެ ތަކުލީފަށް މިހާރު ހައްލެއް ހޯދައިދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ އެތައް ބައެއްގެ ބުރަ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ. އުދައެރުން ހުއްޓުވުމަށްޓަކައި ގާތްގަނޑަކަށް 600 މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި ހިލަތޮށި ލާފައިވާއިރު ކުރިއަށް އޮތް ދެތިން އަހަރު މިކަމުން ފެންނަ ނަތީޖާއަކުން ކުރިއަށް އިތުރަށް  ކުރަންޖެހޭ ކަންކަން ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްގަރު ރައްޔިތުންނަށް ދެއްވާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *