މަޑުއްވަރީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މ.މަޑުއްވަރީ ބަނދަރުގެ މަސައްކަތް ކުރިއަށްދާނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއިމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަޑުއްވަރީ ކައުންސިލުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބަނދަރުގެ މައްސަލައެވެ. މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވީ ނަމަވެސް، އެމަސައްކަތް ނުފެށި އޮތީ ބަނދަރުގެ ކުރެހުމާއި މެދު މަޑުއްވަރީގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުމުންނެވެ. އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދޭނީ މަޑުއްވަރީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތް އެކަމުގައި ހިމެނިގެން ކަމަށެވެ.

މަޑުއްވަރިއަށް ދިމާވެފައިވާ މައްސަލަތަކާއި ހުރި ދަތިތަކާއި ގުޅޭ ގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ވަނީ ރައީސާއި ހިއްސާކޮށްފައެވެ.

މިގޮތުން މަޑުއްވަރީގެ ބަނދަރުގައި ނިވާކަމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ދެ މޫސުމަށް އުދައެރުމާއި، ރަށްގިރުމާއި، ކުނީގެ މައްސަލަ އާއި ޒުވާނުންގެ މަރުކަޒެއް ނެތުމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، ސަރުކާރުން މަޑުއްވަރީގައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާހައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މަޑުއްވަރީގައި މިހާރު ކުރިޔަށްދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާނަރުދަމާގެ މަސައްކަތް ހިމެނެއެވެ.

މަޑުއްވަރީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މ.މަޑުއްވަރީއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މުލަކަތޮޅުގެ 5 ރަށަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަންނަވާނީ މ ދިއްގަރަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *