ރައީސް ސޯލިހު ދަނބިދޫ ކައުންސިލަރުންނާއެކު

ލ. ދަނބިދޫ ރައްޔިތުން ވަނީ ސަރުކާރު ބަލައިގެންފައިކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ލ. ދަނބިދޫ ކައުންސިލާ އެކު ބޭއްވެވި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގާފައިނުވާތީ ރައްޔިތުން މާޔޫސްވެފައި ތިއްބާ މި ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަން ފާހަގަކޮށްފައެވެ. އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި، ދަނބިދޫގެ ރައްޔިތުންގެ ނަމުގައި، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތައް ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކާއި، ޞިއްޙީ މަރުކަޒުގައި މުވައްޒަފުން މަދުވުމާއި ލެބޯޓަރީއެއް ނުތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލްގެ ލައިބްރަރީއެއް އިމާރާތްކުރުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދަނބިދޫގައި ކުނިކޮށްޓެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުންވަނީ ތަފްސީލުކޮށް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.

ހަމަ އެއާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ދާއިރާގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވެވިއެވެ. އަދި ރަށުގައި ހުރި މިސްކިތުގައި ޖާގައިގެ ދަތިކަން އޮތް ކަމަށާ، ރަށުގެ ނެރުބައްތި ނެތުމާ، ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވެވިއެވެ. މީގެ އިތުރުން އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވުމަށްވެސް މި ބައްދަކުރެއްވުމުގައި ކައުންސިލުން ވަނީ އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވާކަންކަމުގެ މައުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ދަނބިދޫގައި ހިންގަމުންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *