ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

އިންޑޮނޭޝިޔާގެ މަޝްހޫރު އޮންލައިން ޓްރެވެލް އޭޖެންސީއެއް ކަމުގައިވާ ޓްރެވެލޯކާއާ ގުޅިގެން އިޝްތިހާރުކުރުމުގެ ޑިޖިޓަލް ކެމްޕެއިނެއް  މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށްދާނީ މި އަހަރުގެ އޮގަސްޓްމަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށް 3 މަސްދުވަހަށެވެ.

އިންޑޮނޭޝިޔާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވެލް އޭޖެންސީކަމުގައިވާ ޓްރެވެލޯކާ އަކީ ދެކުނުއިރުމަތީ އޭޝިޔާ އަދި އޮސްޓްރޭލިޔާގައިވެސް ހަރަކާތްތެރިވާ ޔުނިކޯން ކޮންޕެނީއެކެވެ. ޓްރެވެލޯކާގެ ފޯނު އެޕްލިކޭޝަން މަހަކު 40 މިލިޔަނަށް ވުރެ ގިނަ ފަރާތުން ބޭނުންކުރެއެވެ. 150 އެއާލައިން އާ ގުޅިގެން 200,000 ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ރޫޓްތައް ޓްރެވެލޯކާގެ ޒަރިއްޔާއިން ފަތުރުވެރިންނަށް ފޯރުކޮށްދެއެވެ.

މި ކެމްޕެއިނުގެ ދަށުން ފޭސްބުކްއާއި އިންސްޓަގްރާމް އަދި ގޫގްލްގެ ޒަރިއްޔާއިން ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ. ޓްރެވެލޯކާގެ އެޕްލިކޭޝަންގެ ހޯމްޕޭޖްގައިވެސް ރާއްޖެ އިޝްތިހާރުކުރާނެއެވެ. މީގެ އިތުރުން ޓްރެވެލޯކާ ވެބްސައިޓްގެ ލޭންޑީންގް ޕޭޖްގައި ދިވެހިރާއްޖޭގެ ރީތި މަންޒަރުތައް ދައްކައި, ރާއްޖެއަށް ހާއްސަ ޕުޝް ނޮޓިފިކޭޝަންއެއް ހަދާ, ރާއްޖެއަށް ދަތުރުކުރުމަށް އިންސެންޓިވް ކޫޕަންތަކެއް ހަދިޔާކުރާނެއެވެ. އަދި ދިވެހިރާއްޖޭގެ މައުލުމާތު ހިމެނޭ ދެ އާޓިކަލް އާއި ވީޑިޔޯއެއް ޓްރެވެލޯކާއިން ޕަބްލިޝްކުރާނެއެވެ.

މިކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ. މިގޮތުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމުން މިތަނުން ފަތުރުވެރިންނަށް ލިބިދޭ ރައްކާތެރިކަމާއި، އެކަހެރިކަން ޕްރޮމޯޓުކުރެވޭނެއެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައްވެސް މާކެޓް ކުރެވޭނެއެވެ. އަދި ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތަކާއި، މައުލޫމަތު، ސައުތުއީސްޓް އޭޝިއާމާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

މި އަހަރު 17 އޮގަސްޓްގެ ނިޔަލަށް 1,028,467 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 22,181 ފަތުރުވެރިން ޒޔާރަތްކޮށްފައިވަނީ ދެކުނުއިރުމަތި މާކެޓުންނެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ޖޮއިންޓް މާކެޓިން ކެމްޕެއިން، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތަކާއި، ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ވެބިނާތައް ކުރިއަށް ގެންދިއުމާއި، އީ-ލާނިން ޕްރޮގްރާމްތަކައި، އެހެނިހެން ހަރަކާތްތައް ހިމެނެއެވެ. މިއަހަރުވެސް މިމާކެޓަށް ހާއްސަކޮށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާއިރު، މީގެތެރޭގައި ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި، ފެއަރތަކާއިއެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ރޯޑްޝޯތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *