ފޮޓޯ: އިލެކްޝަންސް ކޮމިޝަން

2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން 120 މިލިއަން ރުފިޔާ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ރިޔާސީ އިންތިހާބަށް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ނިންނާ އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކާއި އެކު މަޝްވަރާ ކުރުމަށްފަހު އެ އަދަދު ފައިނަލްވެސް ކޮށްފައެވެ.

120 މިލިއަން ރުފިޔާގެ މި ބަޖެޓަކީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނަސް އެކަން ކުރުމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމަނައިގެން އެކުލަވާލާފައިވާ ބަޖެޓެކެވެ.

މި ބަޖެޓު އެކުލަވާލާފައިވަނީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން އިންތިހާބުތަކުގައި އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ވޯޓުލާ މަރުކަޒުތަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮއްޓާއި އޮފިޝަލުން ފޮނުވުމަށް ކުރާ ދަތުރުފަތުރަށެވެ. މިގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ވޯޓު ކަރުދާހައި އޮފިޝަލުން ފޮނުވުމަށްވެސް ބޮޑު ހޭދައެއް ހިނގައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

މިހާތަނަށް އިންތިހާބަށް ނިކުންނަވާކަން އިއުލާނު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރައީސް އަބުދުﷲ ޔާމީން އާއި ޑީއާރްޕީގެ ފަރާތުން އެޕާޓީގެ ލީޑަރު އަބުދުﷲ ޖާބިރާއި، އެމްޑީއޭގެ ފަރާތުން އަހުމަދު ސިޔާމް މުހައްމަދެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް އަންނަނީ ރިޔާސީ ކެމްޕޭނުގެ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.

އަދި ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީން ރިޔާސީ އިންތިހާބަށް ރައީސުލް ޖުމްހޫރިއްޔާ ނެރުއްވުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އެހެންނަމަވެސް އެޕާޓީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ލަފާކުރެވެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *