ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގުގެ ސިޔާސީ ނިޔަތާއި ތަހުގީގީ ފެންވަރާއިމެދު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސުވާލު އުފައްދައިފިއެވެ.
ޓްރާންސްޕޭރެންސީއިން އާންމުކުރި ބަޔާނުގައި ވަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ތަކުރާރުކޮށް ފޮނުވުމުންވެސް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ)އޮފީހުން އަނބުރާ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާތީ އާއި އޭސީސީއިން އެމައްސަލަ މިހާރު ފައިލްކޮށްފައިވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައްސަލައަށް ދެއަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އާއެކު 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް 4 ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. މިމައްސަލަ 4 ވަނަ ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުމުން، އެއޮފީހުން މީގެ ތެރެއިން 8 މީހެއްގެ މައްސަލަ ދައުވާނުކޮށް އަނބުރާ ފޮނުވާލުމާއި އޭސީސީއިން މިމައްސަލަ ފައިލްކުރުމަކީ މިމައްސަލަ ބަލާ ފިޔަވަޅުއެޅުމުގެ ސިޔާސި ނިޔަތާއި ތަހުގީގުގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމެއްކަމަށ ޓްރާންސްޕޭރެންސީން ބުނެއެވެ.
މިމައްސަލާގައި ހާމަކަން ކުޑަވުމުގެސަބަބުން، ވަކި ފަރާތްތަކެއްގެ މައްޗަށް އަދުލު އިންސާފުގެ ބާރު ނުފޯރުމާއި މަގާމުތަކުގައި ތިބި ބާރުގަދަ މީހުން ކުށުން ބަރީއަވަނީތޯ ޓްރާންސްޕޭރެންސީއިން ވަނީ ސުވާލު އުފައްދާފައެވެ.
އެގްޒެކިޔުޓަރސް ޖެނެރަލް ޓްރޭޑިންގ މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ވެންޓިލޭޓަރު ގަތުމަށް ހަގީގަތާއި ހިލާފު މައުލޫމާތު ބޭނުންކޮށްގެން ޕަރފޯމަންސް އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބެހެއްޓުމެއްނެތި، ބިޑް ކޮމޓީއިން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވެ، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށްވާ ފައިސާ ދައްކާފައިވުމަކީ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަންކަންކަމަށް ބެލެވޭކަމަށް ޓްރާންސްޕޭރެންސީއިން ބުނެއެވެ. އެހެންކަމުން މިމައްސަލަ ބަލާ ތަހުގީގުކޮށް، މިކަމުގައި ޒންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރިކުރުވުމާއި ރައްޔިތުންގެ އަތުން ގެއްލުނު ފައިސާ އނބުރާ ހޯދުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މިފަދަަ މއްސަލަތައް ބަލާ ތަހުގީގުކުރުމުގެ ޒިންމާ އުފުލަމުންދާ މުއައްސަސާތަކުން އަމިއްލަ މަސްލަހަތުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް އާންމު މަސްލަހަތު އިސްކޮށް، ނަޒާހަތްތެރިކަމާއިއެކު މަސައްކަތްކުރުމަށް ޓްރާންސްޕޭރެންސީއިން ވަނީ ގޮވާލާފައެވެ. އެގޮތުން، ވެންޓިލޭޓަރު ކޮރަޕްޝަނުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ފައިދާވެފައިވާ މީހުން ދެނެގަނެ ގާނޫނީގޮތުން ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.
ޓްރާންސްޕޭރެންސީގެ ބަޔާނުގައި ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުންކާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރުން މުހިންމުކަންތައްތަކުގެ ގޮތުގައި ބައެއް ކަންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ މައްސަލަތުގައި ހާމަކުރެވެން ހުންނަ މައުލޫމާތު އަމިއްލަ އިސްނެގުމުގެ މަތިން ރައްޔިތުންނާއި ހިއްސާކުރުމާއި ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ޕޮލިސީއާއި އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާގޮތަށް ޕޮލިސީތަކާއި އުސޫލުތައް ބަދަލުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
ހަމައެއާއެކު ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކަށް އެކަށީގެންވާ މާލީ ގާބިލުކަން ފޯރުކޮށްދިނުމާއި މިނިވަން މުއައްސަސާތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާތަކެއްކަން ކަށަވަރުކުރުމަށް ވަނީ އެދިފައެވެ. އަދި މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް އަމަލުކުރާ މީހުންނާއި މުއައްސަސާތައް ޖަވާބުދާރީކުރުވައި ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.
ވެންޓިލޭޓަރު ގެނައުމަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށް އެގްޒެކިޔުޓާޒް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަށް 75 ވެންޓިލޭޓަރެއް ގެނައުމަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ރާއްޖެއަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ.