އެމްޑީޕީގެ ގައުމީ މަޖިލީސް ހުޅުވުމުގެ ޖަލްސާ

ކުރީގައި އޮތް އަނިޔާވެރިކަމަށް އިޔާދަވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެމްޑީޕީގައިވާ ހިޔާލު ތަފާތުންތައް އެއްކައިރި ކޮށްފައި ނުވަތަ އެއްގޮތް ކޮށްފައި ކުރިޔަށް ދެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށް ފައްޔާޒު  އިސްމާއީލް ވިދާޅުވިއެވެ.

މިރޭ އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި އެފާޓީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ހިޔާލު ތަފާތު ވުމުގެ ތެރެއިން އެއްބަސްވާ ކަންކަމުގައި ކުރިޔަށް ދެވޭ ކަމަށެވެ.

އެމްޑީޕީގެ ފަލްސަފާގެ އަސާސަކީ ދެބަސްވުމެއް ނޫން ކަމަށާއި، ކަންކަމުގައި ތަފާތު ހިޔާލުތަކެއް އަންނަ ކަމަށް ފާހަގަ ކުރައްވާ ފައްޔާޒު ވިދާޅުވީ ނިޒާމުގެ މައްސަލައަކީވެސް ހަމަ އެފަދަ ކަމެއް ކަމަށެވެ.

ނިޒާމުގެ ހިޔާލު ތަފާތުވުމުގެ ވާހަކަ އަބަދުވެސް ދެކެވޭނެ ކަމަށާއި،  އެއީ މައްސަލައެއް އޮތް ކަމެއްނޫން ކަމަށް އަދި އެމްޑީޕީގައި ހިޔާލު ތަފާތުވުމަށް އަބަދުވެސް ޖާގަ އޮންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގިނަ  ވަރަށް މުހިންމު ބަދަލުތަކެއް ރާއްޖެއަށް މިވަނީ ގެނެވިފައި ކަމަށާއި އެމްޑީޕީން  މިވަނީ މިގައުމު އެއްކޮށްބަދަލުކޮށްފައި ކަމަށްވެސް ފައްޔާޒު  ވިދާޅުވިއެވެ.

ހެޔޮ ވެރިކަމުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފިކުރަށް ގެނެވުނު ބަދަލު. ސިޔާސަތު ތަކަށް ގެނެވުނު ބަދަލު. ތަރައްގީ ގެނެވޭނީ މިނިވަން ކަމާއެކު ފިކުރު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮތީމާ. އެކަން މި ގެނެސްދިން ފާޓީއަކީ އެމްޑީޕީ. އެއީ ޝައްކުވެސް ކުރެވޭނެ ކަމެއް ނޫން"

ބަދަލުގެ ވާހަކަ ދައްކާ ހުސް ނުވާ ވަރަށް އެމްޑީޕީން މި ވަނީ ބަދަލުތައް ގެނެސްފައި ކަމަށާއި،  ތަންމިނަށް ބޭނުން ވަރަކަށް، ބޭނުން އެއްޗެއް  ބޭނުން ގޮތަކަށް ބުނުމުގެ ހައްގު އެމްޑީޕީން އެވަނީ ހޯދައިދީފައި ކަމަށްވެސް ޗެއާޕާސަން ވިދާޅުވިއެވެ.

އިންސާނުން، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތާ ގައުމަކަށް މިގައުމު މިވަނީ މިއަދު ބަދަލުކުރެވިފައި ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އެކަމާއި އެންމެ އިދިކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުން މިއަދު ހައްގުތައް  ބޭނުން ކުރަމުންދާ މިންވަރު ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށާއި، އެބޭފުޅުންގެ ހައްގުތައް ނިގުޅައިނުގަންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ ވެރިކަމެއް އޮތީމާ އެ މިނިވަން ކަމާއެކު އަދުލު ވެރިކަމާއެކު ކަންކަން ކުރި ނަމަވެސް އަދިއެއް އަޅުގަނޑުމެންގެ ތެރޭގައި އެކަންކަން ހުރީ ހަރުލާފައެއް ނޫން. އެކަން ހަނދާން ނައްތާލައިގެން ނުވާނެ. ހަނދާން ނައްތާލައިފިނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ދެރައެއް. މުޅި ގައުމަށް ލިބޭނެ ނިކަމެތި ކަމެއް. އަޅުގަނޑުމެން ކުރިޔަށް ދިއުމުގައި ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބު، މަޖިލީސް އިންތިހާބުވެސް ކާމިޔާބު ކުރަން ޖެހޭ. އެކަމުގައި އަޅުގަނޑާއި ހަވާލުކޮށްފައިވާ ޒިންމާ ވީ އެންމެ ރަނގަޅަކަށްއަދާކުރާނަން"

ޕާޓީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެމްޑީޕީގެ މެންބަރުން ހިޔާލުއެއްގޮތް ކުރައްވާ އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބާރުލެއްވުން ދެއްވުމަށްވެސް ފައްޔާޒުވަނީ ގައުމީ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

އުމްރާނީ ތަރައްގީއާއި ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ ކޮންމެ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށްޓަކައި މި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތައް އެއީ މިހާތަނަށް މިރާއްޖޭގައި 30 އަހަރު އެއްކޮށްލީމާވެސް ނުވާވަރުގެ ގިނަ މަސައްކަތް ތަކެއް ކަމަށެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.