އެމްޑީޕީގެ ގައުމީ ކޮންގްރެސްގެ ތެރެއިން

އެމްޑީޕީގައި ޚިޔާލު ތަފާތުވުމާއި ތަފާތު ހިޔާލަށް ފުރުސަތު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާލުތަފާތުވުން އޮއްވައި، އެންމެނަށް ހުރިހާ ކަމެއްގައި އެއްބަސްނުވެވޭނެ ކަމަށާ އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކު ކުރިޔަށް ދިޔުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި، ދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގާ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ. ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް. ނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން"

ރައީސްގެ ވާހަކަފުޅުގައި މިދިޔަ 17 އަހަރު އެމްޑީޕީން ހޯދި ކާމިޔާބާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އުފެއްދީ ވަކި ގަބޫލުކުރުންތަކެއްގެ މަތީގައި ކަމަށާ އެ ގަބޫލު ކުރުން މަތީގައި ދެމި ތިބެން ޖެހޭ ކަމަށެވެ. މިއަދު އާދެވިފައި ތިބި ހިސާބަކީ އެތައް ބަޔަކު ކުރި ބުރަ އަދި ނުރައްކާތެރި މަސައްކަތްތަކެއްގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތްކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީ ރަޖިސްޓްރީވެގެން ހަރަކާތްތެރިވާން ފެށިތާ 17 އަހަރު، މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ފުރުނުއިރު މިފާއިތުވި މުއްދަތުގެ ތެރެއިން، މިއަދު އެއްވެ ތިބީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ކަމަށެވެ.

އެމްޑީޕީ ވުޖޫދުވެ މިހިސާބަށް ވާޞިލުވުމުގާ ޝާމިލްވާ ގިނަ ދިވެހިރައްޔިތުންގެ މިންނެތް ބުރަމަސައްކަތުގެ އަގުކުރުމަކީ މުސްތަޙިއްލު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރެސޯޓެއްގެ ރެސްޓޯރެންޓްގާ ހުންނަ، ވޭޓަރު ދެކެނީ، މިޕާޓީ އުފެއްދުމުގާ އޭނާގެ ދައުރު ނުހަނު ބޮޑުކަމުގަ. ކަސްޓަމްސް ކައިރިން އެތާތިބޭ މަޖޫރީން ދައްކަނީ އެމްޑީޕީ އުފެއްދުމުގާ އެމީހުން ވީ ޤުރުބާނީގެ ވާހަކަ. ބާޒާރުމަތިން ވިޔަފާރިވެރިންވެސް އެމީހުންގެ ވިޔަފާރި ނުރައްކަލަށް ހުށަހަޅާ އަދާކުރި ދައުރުގެ ވާހަކަ ފަހުރުވެރިކަމާއެކު ދައްކާ. މަސްވެރިންނާ ދަނޑުވެރިން، މިއުޒިޝަނުންނާ އާރޓިސްޓުންނާ ނޫސްވެރިން، ޓެކްސީ ޑްރައިވަރުންނާ އޮޑިދޯނި ފަހަރުގެ ފަޅުވެރިންނާ ނެވިން، މިހެންގޮސް މި ލިސްޓް ކިތަންމެ ދިގުކޮށްވެސް ކިއިދާނެ. އެ އެންމެންވެސް މި ޕާޓީ އުފެއްދުމުގާ އަދާކުރި ދައުރަށްޓަކާ ފަހުރުވެރިވޭ.

މިއިން ކޮންމެ މީހަކުވެސް ދެކޭ ގޮތުގައި މިއީ އެމީހުން އުފެއްދި އެމީހުންގެ ޕާޓީކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ހަމަ އެހުރިހާ ބޭފުޅުންގެވެސް ޕާޓީ ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.