އެމްޑީޕީގެ .ކޮންގްރެސްގައި ބައިވެރިވުމަށް 1،178 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
ކޮންގްރެސްއާ ގުޅޭ ގޮތުން ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސްގެ ޗެއަރ އިބްރާހިމް ވަހީދު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1،365 މީހަކަށް ލިބިގެންވާ ކަމަށެވެ.
ކޮންގްރެސްގައި ބައިވެރިވާ މީހުންނަށް މިހާރު ފާސްތައް ދޫކުރަމުން އަންނަ އިރު 1،178 މީހުންގެ ތެރެއިން 900 އަށް ވުރެ ގިނަ މީހުން ފާސް ނަގާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ކޮންގްރެސްބާއްވާ މައި ހޯލަށް ވަދެވޭނީ ވަކި ބަޔަކަށް ކަމަށާއި އެމްޑީޕީގެ މެމްބަރުންނަށް ސޯޝަލް ސެންޓަރުގެ މަތީ ފަންގިފިލާއިން ހަމަޖެހޭނެ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ހަމަޖެހިފައިވެ އެވެ. އެއީ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނުއަސާސީ އަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސް އަށް ހުށަހަޅައި މަޝްވަރާކުރުމެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގަރާރެއް ހުށަހެޅުއްވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮންގްރެސްއާ ގުޅޭ ގޮތުން އެންމެ ހޫނުކޮށް ދެކެވެނީ ވެސް މި ގަރާރުގެ ވާހަކަ އެވެ.