ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ރިޔާސީ ނިޒާމަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މިވަގުތު އެންމެ އެކަށީގެން ވަނީ ރިޔާސީ ނިޒާމު ކަމަށެވެ.
އަދި ރާއްޖޭގެ އިގްތިސާދު ބޭރުގެ އެކި ގައުމުތަކަށް ބަރޯސާވާއިރު މި ވަގުތު މުހިންމީ ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއަށް ރިއާޔަތް ކޮށްގެން ގައުމުގެ މިސްރާބު ކަނޑައެޅުން ކަމަށް ހިސާން ވިދާޅުވި އެވެ.
އެހެންކަމުން ރާއްޖެ ފަދަ ތަރައްޤީ ވަމުން އަންނަ ގައުމަކަށް ހަމަޖެހުން ގެނެވޭނީ ރިޔާސީ ނިޒާމަކުން”
ހިސާން ތާއީދު ކުރައްވާ ވެރިކަމުގެ ނިޒާމު ހާމަ ކުރައްވާފައި މިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅިގެން ސިޔާސީ މައިދާނުގައި ބަހުސް ކުރެވެމުންދާތީ އެވެ.
ސަރުކާރަށް ތާއީދު ކުރާ ގިނަ މަޖިލީސް މެންބަރުންނާއި ވަޒީރުންނާއި ގިނަ ސިޔާސީ ޕާޓީތަކުން ތާއީދު ކުރަނީ މިހާރު އޮތް ގާނޫނު އަސާސީގައިވާ ގޮތަށް ރިޔާސީ ނިޒާމާއި އެކު ރާއްޖެ ކުރިޔަށް ގެންދިއުމަށެވެ.
އަދި އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ.