މާގުޅި ފަޅުގެ ސަރވޭ ކުރުން. ފޮޓޯ: އީޕީއޭ

ވ. މާގުޅީ ފަރަށް އެރި "އޭއެމް އާގަމް" ނަމަކަށް ކިޔާ ބާޖެއް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅިން ވަނުމުގެ ތެރޭގައި މި ބާޖު ފަރަށް އަރާފައިވަނީ މިއަހަރުގެ މާޗުމަހުގެ އެއް ވަޖނަ ދުވަހުގައެވެ.

މި ބާޖު ފަރަށް އެރީ އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގް ބޯޓަކާ އެކީ، އިންޑިއާ އިން ހިލަބަރުކޮށްގެން ވ. ރަކީދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. 

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މި ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާއަށް ވާފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އޭޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް މިހާރު ވަނީ އަންގާފައި ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

އީޕީއޭއާ އެ އުޅަނދުގެ ވެރިފަރާތުން އެ ސަރަހައްދު ބަލައި ޖޮއިންޓް-ސަރވޭއެއް ވަނީ ކޮށްފައެވެ. އެގޮތުން ބެލި ބެލުމުން، އެ ފަރުގެ 6،054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަވެފައެވެ. ފަރަށް ލިބުނު ގެއްލުން ވަޒަންކުރާއިރު 152.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވީ ނަމަވެސް އެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވެސް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އީޕީއޭއިން ބުނީ ބާޖު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާއެކު ކުރަމުންދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.