އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ޓައިޕޭގައި ޓައިވާންގެ ރައީސް އާއި ބައްދަލު ކުރައްވަނީ - ފޮޓޯ: އޭޕީ

އަމިއްލަ ވެރިކަމެއް ގާއިމުކޮށްފައިވާ ޓައިވާންގެ މިނިވަން ކަމަށް ސަޕޯޓް ކުރާކަމުގެ ތުހުމަތުގައި ޓައިވާންގެ 7 އޮފިޝަލަކު 'ބްލެކްލިސްޓް' ކޮށްފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން މި ފިޔަވަޅު އަޅާފައިވަ މިވަނީ އިއްޔެ އެމެރިކާގެ ގާނޫނު ހަދާ މެންބަރުންތަކެއް ޓައިޕޭއަށް ވަޑައިގެންނެވި ޓައިވާންގެ ރައީސް އާއި ބައްދަލު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި  އެ ހަތް އޮފިޝަލުންނަށް ޗައިނާއަށް އެތެރެވުން މަނާވާނެއެވެ. އަދި ހޮންކޮންގ އާއި މަކާއޯގެ ސަރަހައްދަށް ވަނުން މަނާވާނެއެވެ. މީގެ އިތުރުން ޗައިނާގެ އޮފިޝަލުންނާއެކު  މަސައްކަތް ކުރުންވެސް މަނާވާނެއެވެ.

ޗައިނާގެ ގައުމީ ނިއުސް އެޖެންސީ ޒިންހުއާގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ފިޔަވަޅު އަޅާފައިވާ އޮފިޝަލުންގެ ތެރޭގައި  ޓައިވާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް ހިމެނެއެވެ.

ޗައިނާއިން ބުނާ ގޮތުގައި ޓައިވާން އަކީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަށް ޖެހޭ އެގައުމުގެ ޕްރޮވިންސެކެވެ. އެހެންނަމަވެސް ޓައިވާނުން އަންނަނީ ޑިމޮކްރެސީ ގާއިމުކޮށް ޗައިނާއާއި ވަކި ސަރުކާރެއްގެ ދަށުން ވަކި ގައުމެއްގެ ގޮތުގައި ޓައިވާން ހިންގަމުންނެވެ.

ޓައިވާނަށް ޗައިނާގެ ފިއްތުންތައް އިތުރުވީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕިލޯސީ ޓައިވާނަށް ވަޑައިގެންނެވުމުންނެވެ.

ފިލޯސީ އޭޝިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި ޓައިވާނަށް ވަޑައިގެންނެވީ ޗައިނާގެ ނުރުހުމާއި  އިންޒާރުތަކަށް ބެލުމެއް ނެތިއެވެ.

ޕިލޯސީގެ މި ދަތުރާއި ގުޅިގެން ޗައިނާއިން ވަނީ އެމެރިކާއާއި އެކު ބާއްވަމުން އައި ބައެއް ގުޅުންތައްވެސް ކަނޑާލާފައެވެ.

އަދި ޗައިނާއިން ޓައިވާންގެ ވަށައިގެން ފަށާފައިވާ އަސްކަރީ ތަމްރީނުތައް އިއްޔެވެސް ކުރިޔަށް ގެންދިޔައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.