| ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް އެފާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ތާއީދެއް ނުލިބުނެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މި ގަރާރާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ފައްޔާޒް އިސްމާއިލްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އެކި މީޑިއާތަކުން ސުވާލު ކުރެއްވުމުން މިރޭ ފައްޔާޒު ވިދާޅުވީ އޭނާ އަކީ ފެށުނީންސުރެން ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމުކަމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ނިޒާމަކީ އާގާނޫނު އަސާސީއާއެކު ދެމިތިބި ރިޔާސީ ނިޒާމު ކަމަށެވެ.

ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާ މި ސަރުކާރުގެ ވަޒީރެކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެމްޑީޕީއަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދެއްވުމަސް މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ރިޔާސީ ދައުރަކަށް ނިކުންނަވާނެކަން އިއުލާން ކުރައްވާފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.