ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާ އެކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ޗެއާޕާސަން ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒަކީ ކަންކަން ކުރައްވާ ހިންގުންތެރި ބޭފުޅެއް ކަމަށާއި، ފައްޔާޒާއެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް އައުމަށް ކޯލިޝަން ހަދަންޖެހޭ ކަމަށާއި، އަދި އެގޮތަށް ދިމާވުމުން ވަޒީރުންގެ މަޖިލީހުގެ ބޮޑު ބައެއް ކުދި ޕާޓީތަކަށް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެފަދަ ކުދި ޕާޓީތަކަށް ގޮނޑި ލިބޭ މިންވަރު މަދުކަމަށާއި، އެގޮތަށް ދިމާވުމުން ވެރިކަމުގެ އޮނިގަނޑު ހަރާބުވާ ކަމަށެވެ.

މިހާރު ނިކުންނަ ވެރިކަމުގެ އޮނިގަނޑުގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ރައިސް ނަޝީދު ވިދާޅުވީ، މިހާރު ނިޒާމު އޮތްގޮތުން ކަންބޮޑުވުމެއް އޮތްނަމަ ރައްޔިތުން ގުޅަނީ އެ ރައްޔިތުން ވޯޓުދީގެން ހޮވާ މެމްބަރަށް ކަމަށެވެ. އެހެންނަމަވެސް ކަން ހިންގަން ތިބި ވަޒީރުންނަކީ އިންތިހާބުވާ ބަޔަކަށް ނުވުމުން ރައްޔިތުންނާ ވަޒީރުންނާ އޮންނަ ގުޅުން ކުޑަވާކަމަށެވެ.

ރައިސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގެވެސް އަދި ރައްޔިތުންގެ ތާއީދުވެސް ބަރުލަމާނީ ނިޒާމަށް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިކަމުގައި އެމްޑީޕީގެ ކޮންގްރެސްއިން ނިންމާ ގޮތަކަށް އެމަނިކުފާނު ތާއީދުކުރައްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.